އާޓްގެ ދުނިޔެ އަށް ހުސެން އަތީކް ވަނީ ވަރަށް ކުޑައިރު އެވެ. އުމުރުން އެންމެ ނުވަ އަހަރުގައި ބައިނަލްއަގުވާމީ މުބާރާތަކުން ނުވަ ވަނަ ހޯދައިގެންނެވެ. ތާޖުއްދީން ސުކޫލްގެ ގްރޭޑް ހަތަރެއްގައި ކިޔަވަމުން ދަނިކޮށް އޭނާއަށް ލިބުނު އެ ކާމިޔާބީ ވެގެންދިޔައީ މި ދާއިރާ އިން ކުރިއަށް ދިއުމަށް އޭނާއަށް ހުޅުވުނު އުއްމީދީ ދޮރުފަތަކަށެވެ.
"ރާއްޖޭގައި ބާއްވާ މުބާރާތަކުން ހޮވާލައިގެން އެއަށް ފޮނުވަނީ ތިން ކުދިން. އޭގެ ތެރެއިން އެއް ކުއްޖަކަށްވީ އަހަރެން،" ޔޫއެންއެފްޕީ އިން ރާއްޖެ އިން ބޭރުގައި ބޭއްވި ކުރެހުމުގެ މުބާރާތަކުން ފުރުސަތު ލިބުނު ގޮތް އަތީކް، 35، ކިޔައިދިނެވެ.
"ނުވަ ވަނަ ލިބިގެން ޓީވީން ދައްކާ، އެޑިއުކޭޝަނަށް ގެންގޮސް އިނާމު ދީފައި، ރައީސް ވެސް ފޯނުކޮށްފައި ތަހުނިޔާ ކި."
އެ ކާމިޔާބީއާ އެކު ރަށްޓެހިންނާއި އަވަށްޓެރިންގެ ތައުރީފު ލިބެން ފެށުމުން ކުރެހުމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް އަތީކު ހިޔާލުކުރީ އެވެ. ޕްރައިމެރީ ގްރޭޑްތަކުގައި ކިޔަވަން އުޅުނު އިރު އާޓްގެ އެކި މުބާރާތްތަކުގައި ބައިވެރިވެ، ވަނަވަނަ ވެސް ހޯދި އެވެ.
"އާޓްގެ ތެރެއަށް ބޮޑަށް ނިކުމެވުނީ އޭރުގެ ކްލާސް ޓީޗަރު ޔުމްނާ މިސްގެ ސަބަބުން. އޭރު ސްކޫލްގައި އިންނައިރު ވެސް ފޮތުގައި އެއްޗެހި ކުރަހާ ހަދާތީ ޔުމްނާ މިސް ބުނީ އާޓް މުބާރާތުގައި ބައިވެރިވާން ވީނުންހޭ. ދެން އޭގައި ބައިވެރިވެ އެހާ ރަނގަޅު ވަނައެއް ލިބުނީމަ ބޮޑަށް އަސްލު އާޓްގެ ތެރޭގައި މި އުޅެވެން ފެށުނީ،" އަތީކް ބުންޏެވެ.
އަތީކްއަކީ މިހާރު މޯލްޑިވްސް އާޓިސްޓް ކޮމިނިއުޓީގެ ބޯޑު މެމްބަރެކެވެ. މަގާމަކީ ޓްރެޒަރާ އެވެ. އެމްޕީއެލްގައި ކްލިއަރެންސް އޮފިސަރެއްގެ މަގާމު ވެސް އަދާކުރަމުން އަންނަ އަތީކް ކުރެހުމުގެ މަސައްކަތް ކުރަނީ ޕާޓްޓައިމް ކޮށެވެ. ޕާޓްޓައިމްކޮށް މިކަން ކުރި ނަމަވެސް އޭނާ ބުނީ މިހާރު ރާއްޖޭގައި ފުލްޓައިމްކޮށް ވެސް މިކަން ކުރެވިދާނެ ކަމަށެވެ.
"ވިޔަފާރިއެއް ގޮތަށް އަދި ޕެޝަންއެއްގެ ގޮތަށް ވެސް އެންމެ އެދެވޭ ގޮތަށް ކުރެވެންޏާ އަސްލު ސަވައިވް ވެވިދާނެ މިހާރު. މިހާރުގެ ޖެނެރޭޝަން ފުދޭވަރަކަށް އާޓް އެޕްރިޝިއޭޓް ވެސް ކުރޭ. އާޓް ގަންނަން ވެސް ގަނޭ. ދެން ހަމަ ކޮމިޝަން ވޯކްސް ވެސް ލިބޭ،" އަތީކް ބުންޏެވެ.
އަތީކް އަބަދުވެސް ކުރަހަމުން އައީ ޕެޝަންއެއްގެ ގޮތުގަ އެވެ. އޭނާ ކުރިން އެންމެ ކަންބޮޑުވީ މިކަމުން ރަނގަޅު އާމްދަނީއެއް ނުލިބިދާނެތީ އެވެ. އެކަމަކު މިއީ ވިޔަފާރިއެއްގެ ގޮތުގައި ވެސް ކުރަން ރަނގަޅު މަސައްކަތެއް ކަމަށް އޭނާ މިހާރު ގަބޫލުކުރެ އެވެ.
"ޓުއަރިޒަމް އެހާ ބޮޑަށް މިތަނުގައި އޮންނައިރު، މިސާލަކަށް ރިސޯޓްތަކުގައި ބޮޑެތި އިވެންޓުތައް ބާއްވާއިރު ވެސް، އެކި ގޮތްގޮތުން ސަވައިވްވޭ މިހާރު، ރަނގަޅަށް ކެރިއާ ޗޫޒްކޮށްފިއްޔާ. އެގޮތަށް ފުލްޓައިމްކޮށް ކުރަން ބޭނުންވާ މީހުނަށް ބުނާނީ މިއީ ހަމަ ވަރަށް ރަނގަޅު ދާއިރާއެކޭ،" އަތީކް ޔަގީންކަން ދިނެވެ.
އެކަމަކު އަތީކް ފާހަގަކުރިގޮތުގައި ޓޫރިޒަމް ދާއިރާގައި ރާއްޖޭގެ އާޓިސްޓުންނަށް އޮތް ޖާގަ އަދިވެސް ވަރަށް ހަންޏެވެ. ގިނަ ރިސޯޓުތަކުން، ރާއްޖެ އިން ބޭރުން އާޓިސްޓުން ގެނެސްގެން ކުރައްސާތީ ދިވެހި އާޓިސްޓުންނަށް ފުރުސަތު ލިބޭ މިންވަރު މަދީ އެވެ. އޭގެ ސަބަބުން، ރާއްޖެ އަންނަ ފަތުރުވެރިންނަށް، ދިވެހި އާޓިސްޓުންގެ ހުނަރު ދައްކާލުމަށް އޮންނަ ފުރުސަތު ވެސް ގެއްލިގެންދާކަން އޭނާ ފާހަގަކުރި އެވެ.
އާޓިސްޓަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ކަމަކީ މީހުންގެ ފާޑުކިޔުންތަކެވެ. އަތީކް އަށް ވެސް އެކި ކަހަލަ ފާޑުކިޔުންތައް އާދެ އެވެ. ކޮންމެ ފާޑުކިޔުމެއް ވެސް އޭނާ ބަލައިގަންނަނީ ޕޮޒިޓިވް ކަމެއްގެ ގޮތުގަ އެވެ.
"ނެގެޓިވް ފާޑުކިޔުން ވެސް ޕޮޒިޓިވްކޮށް ނަގާ ދޫކޮށްލަނީ. ކޮންމެ މީހެއްގެ ވެސް ޕާސްޕެކްޓިވް އިންނާނެ. އެކަކަށް އަތީކް ކުރަހާ އެއްޗެއް ކަމުގޮއްސަ އަނެކަކަށް ކަމުނުގޮސްފާނެ. އޭތި އަމިއްލަ އަށް އަންޑަސްޓޭންޑް ވާން ޖެހޭނެ. އެންމެނަށް ރީތިވާ އެއްޗެއް ނުވެސް ކުރެހިދާނެ. އަބަދުވެސް ބަލަނީ އެންމެ ފަހުން ކުރަހާ އެތި އެއީ އެންމެ ރީތި އަދި އެންމެ ބޮޑަށް މަސައްކަތްކުރާ އެއްޗަށް ހަދަން."
މިހާތަނަށް އެންމެ ރަނގަޅު ފާޑުކިޔުމެއް އޭނާ އަށް ލިބިފައި ވަނީ އަންވެލިން ވިޝަން ރިސޯޓުގައި އޭނާ ކުރެހި ވިޓިލިގޯ ހުންނަ އަންހެން ކުއްޖެއްގެ ކުރެހުމަކަށެވެ.
"އޭތި އަސްލު ބޭސްކުރީ މުޖުތަމައުގައި ކުދިން ބުލީކުރުމާއި އެ ކުދިން ބަލައިގަންނަ ގޮތް ތަފާތު ކުރާތީވެ އެކަމަށް އެވެއާނެސްއަކަށް. އޭގެ ސަބަބުން އެ ކުއްޖާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވެސް އައި. އޭނަ އަށް ވެސް ސްޓްރެންތަކަށްވި މީހުންނާ ފޭސްކޮށް އޭނާގެ ސެލްފް ބަލައިގަންނަން ވެސް. ވަރަށް ގިނަ މީހުންގެ ސަމާލުކަން ހުއްޓިގެންދިޔަ ޕެއިންޓިންއަކަށް އޭތި ވެގެންދިޔަ. ވަރަށް ޕޮޒިޓިވް ރަނގަޅު ކޮމެންޓްތަކެއް ލިބުނު،" އަތީކް ބުންޏެވެ.
އަތީކްގެ އާޓްގެ ސްޓައިލަށް ބަލާއިރު، އޭނާއަކީ ތަފާތު އެކި މީޑިއަމްތައް ބޭނުންކުރާ އާޓިސްޓެކެވެ. އަދި އޭނާ އެންމެ ގިނައިން ކުރަހާފައި ހުރީ ޕޯޓްރެއިޓް ކުރެހުންތަކެވެ.
"އެބްސްޓްރެކްޓް ކަހަލަ އެއްޗެއްސަށް ވުރެން ބޮޑަށް ފޯކަސް ކުރަނީ ހައިޕަ ރިއަލިސްޓިކް ވޯކްސް އަށް. އެހެން މީހަކަށް އުނދަގޫވާން ޖެހޭނެ ސީދާ އެ އެތި ކޮޕީކޮށްލަން. ތިއަރީ ވައިސްކޮށް ނުވަތަ ގެންގުޅޭ ޓެކްނީކްގެ ސަބަބުން ތަންކޮޅެއް އުނދަގޫވާން ޖެހޭނެ. ގިނަ މީޑިއަމްތަކެއް ބޭނުންކުރަން. މިސާލަކަށް ފޯނުން ވެސް ކުރަހަން. ފަސް ފޫޓު، ހަތަރު ފޫޓުގެ ބޮޑެތި ކެންވަސްތަކުގައި ޕޯޓްރެއިޓް އެއްޗެހި ވެސް ކުރަހަން،" އަތީކް ބުންޏެވެ.
އޭނާ ބޭނުންކުރާ އިތުރު މީޑިއަމްތަކުގެ ތެރޭގައި ފެން ކުލަ، އެކްރިލިކް އަދި ސޮފްޓް ޕެސްޓެލްސް ހިމެނެ އެވެ. ޑިޖިޓަލް އާޓް ވެސް މިހާރު އަތީކް އެކްސްޕެރިމެންޓް ކުރެ އެވެ. އެކަމަކު އޭނާ އަށް އަދިވެސް އެންމެ ކަމުދަނީ ޓްރެޑިޝަނަލް ގޮތަށް އަތުން ކުރެހުމެވެ.
ކޮންމެ ކުރެހުމަކުން ވެސް މުޖުތަމައު އަށް ރަނގަޅު މެސެޖެއް ދޫކޮށްލުމަކީ އަތީކް ބޭނުންވާ ކަމެކެވެ. އެގޮތަށް އެއްޗެއް ކުރަހާ އިރު، އެ ވަގުތެއްގައި މުޖުތަމައުގައި އެންމެ ހިނގާ ކަންކަން އޭނާ ބަލަ އެވެ.
"އެކަނި އެހެން އިނދެލައިގެން ފުންކޮށް ވިސްނާލާފައި ފުރަތަމަ ސްކެޗެއް ކުރަހާފަ ދެން ފައްޓަނީ ޕެއިންޓްކުރަން. އެ ކުރެހުމުގެ ޑިސްކްރިޕްޝަނެއް ލިޔާއިރު ވެސް މީހުނަށް އޭތި އެންމެ ތިލަކޮށް ވިސްނޭނެ ކަހަލަ ގޮތަކަށް ލިޔެލެވޭތޯ ބަލަން،" އަތީކް ބުންޏެވެ.
ގިނަ އެއްޗެހި އޭނާ ދަސްކުރީ އާޓްގެ މަސައްކަތްތަކާ ބެހޭ ފޮތްތަކުގައި ލިޔެފައި އަދި ކުރަހާފައި ހުންނަ އެއްޗެހި ބަލައިގެންނެވެ. އަތީކް ފުރަތަމަ މި މަސައްކަތް ފަށައިގަތް އިރު، ޔޫޓިއުބް ކަހަލަ ފަސޭހަ ވަސީލަތްތަކެއް ނެތެވެ. އޭނާ ޑިޖިޓަލް އާޓް ވެސް ދަސްކުރަމުން އަންނަނީ އަމިއްލަ އަށެވެ. ކޮންމެ ފަހަރަކު ވެސް ބަލަނީ އުނގަދޫ އެއްޗެއް ޓްރައިކޮށް، އާ ކަންކަން އެކްސްޕެރިމެންޓް ކޮށްލުމަށެވެ.
"ބްލެންޑިން އެއްޗެހި ނޫނީ ކުރަހާއިރު އޮބްޒާވުކުރަން، ކަލާމިކްސިން އެކަހަލަ ޓެކްނީކްތަކެއް ހުންނާނެ ކުރަހާ ރާއްޕެ ފަރާތުން ދަސްވެފައި. އޭނާ ވެސް ކުރަހާއިރު ކޮންމެވެސް ވަރަކަށް އައިޑިއާސް ޝެއާކޮށްލާ ހަދާ. ދެން ސައްފާންގެ ފަރާތުން ވެސް ހުންނާނެ ހަމަ އެގޮތަށް އޭނާގެ ކާލާޒް އެއްޗެހި ދަސްކޮށްފައި،" އަތީކް ބުންޏެވެ.
މޮޅެތި އާޓިސްޓުން ކުރަހާފައި ހުންނަ އެއްޗެހި ބަލައިގެން އަމިއްލަ މަސައްކަތްތަކުގައި އެ އެއްޗެހި އެޕްލައިކުރެވޭތޯ އަތީކް މަސައްކަތްކުރެ އެވެ. އޭނާ ދެކޭގޮތުގައި އެއީ އަމިއްލަ މީހާގެ ކުރެހުންތައް އިތުރަށް ފުރިހަމަ ކުރުމަށް ރަނގަޅު ކަމަކަށް ވާނެ އެވެ.
އަތީކް ވަނީ އަމިއްލަ މައުރަޒުތައް ވެސް ބާއްވައިފަ އެވެ. އޭގެ އިތުރުން ލެކިއުޓްގެ އާޓް އެގްޒިބިޝަނާއި 2016 ގައި ބޫޓާންގައި ބޭއްވި އާޓް ކޭމްޕް އެންޑް އެގްޒިބިޝަން އަދި އަންވޭލިން ވިޝަންގެ އާޓް އެގްޒިބިޝަންތަކުގައި ތިން އަހަރު ބައިވެރިވި އެވެ. އަދި މިދިޔަ މަހު ބޭއްވި ސާކް އާޓިސްޓްސް ކޭމްޕުގައި ވެސް އޭނާ ބައިވެރިވި އެވެ.
އާޓިސްޓެއްގެ ގޮތުގައި ވަރަށް ކުރިއަށް އާދެވިއްޖެ ކަމަށް އަތީކް ގަބޫލުކުރެ އެވެ. މިހާރު އޭނާ ބޭނުންވަނީ މުޅި ދުނިޔެ ވެސް ބަލައިގަން ވަރުގެ މޮޅު އާޓިސްޓަކަށް ވާށެވެ.
"މީގެ ކުރިއާ އަޅާބަލާއިރު ވަރަށް ހެޕީ. މީހުންނަށް އާޓިސްޓެއްގެ ގޮތުގައި އަތީކް ރެކޮގްނައިޒްކުރެވި، ވޯކް ބަލައިގަނެ، ތަންތަނުގައި ވޯކްތައް ފެންނަ ހުރުމާއި، އެގްޒިބިޓްކުރެވުމާއި އެކަހަލަ ކަންތައްތައް ފެނުނީމަ،" އަތީކް ބުންޏެވެ.
"މީގެ ތިން އަހަރު ކުރިއަށް ބަލައިފިއްޔާ އާޓްގެ ވާހަކަ ދައްކާ މީހުން ވަރަަށް މަދު ރާއްޖޭގައި. އެކަމަކު މިހާރު އާޓްގެ ވާހަކަ ކޮންމެ ދުވަހަކު ކޮންމެވެސް ކަހަލަ ގޮތަކަށް ދެކެވޭ. ހަބަރުތަކުންނާއި ޝޯޝަލް މީޑިއާއިން ވެސް. އެހެންވީމަ ވަރަށް އުފާވޭ."
އަތީކް ފާހަގަކުރާ ގޮތުގައި އާޓްގެ މަސައްކަތްތައް ކުރުމަކީ "ކަޑަ" ކަމެކޭ ބުނެވޭކަށް ނެތެވެ. އޭނާ ބުނީ އެ ގޮތަށް ވިސްނުމަކީ ގޯހެއް ކަމަށެވެ. ސަބަބަކީ، އޭނާ ސިފަކުރާ ގޮތުގައި، ދުނިޔޭގެ ކޮންމެ ކަމެއް ވެސް ބިނާވެފައި އޮންނަނީ އާޓްގެ މައްޗަށެވެ.
"ގެއެއް އެޅިޔަސް، ދޯންޏެއް ހެދިޔަސް، ސައިކަލެއް ހެދިޔަސް އެވެސް ހަމަ އާޓެއް ދޯ؟ މިސާލަކަށް ހެދުން އަޅާއިރު ވެސް ޑިޒައިން ވެސް ކުރޭ. އެވެސް ހަމަ އާޓެއް. އާޓް ނެތް ތަނަކަށް ހިޔެއްނުވޭ ދެވޭނެހެނެއް. މިސާލަކަށް ގަހެއް ހެދިފައި ހުންނަ ގޮތް ވެސް އެއީ އާޓެއް ދޯ. އެކަން މީހަކު ބަލައި ގަންނަ ގޮތް ދެން އޮންނާނީ،" އަތީކް ބުނެލި އެވެ.