ވިޕްލައިނާ ހިލާފުވި ހަތަރު މެމްބަރަކު ބާރުގަދަ ކޮމެޓީތަކުން އާދައިގެ ކޮމެޓީއަކަށް ބަދަލުކޮށްފި

ޕީޕީއެމް ކޯލިޝަނުން ނެރުނު ތްރީ ލައިން ވިޕުތަކާ ހިލާފުވި ހަތަރު މެމްބަރަކު ރައްޔިތުންގެ މަޖިލިހުގެ ބާރުގަދަ ކޮމެޓީތަކަކުން ވަކިކޮށް، އާދައިގެ ކޮމިޓީތަކަށް މިއަދު ބަދަލުކޮށްފި އެވެ.


ވިޕާ ހިލާފުވުމުން ފިޔަވަޅު އެޅީ ނިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ހަލީލަށާއި ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހުސެއިން މަނިކު ދޮން މަނިކަށާއި މަޑުއްވަރީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު މުހައްމަދު އަމީތު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ނަޝީދަށެވެ.

އެގޮތުން އިގްތިސާދީ ކޮމެޓީގެ މެމްބަރުން ކަމަށްވާ ހަލީލާއި ހުސެއިން މަނިކު ދޮން މަނިކާއި އަމީތު ވަނީ އެ ކޮމެޓީން ވަކިކޮށްފަ އެވެ. އިގްތިސާދީ ކޮމެޓީގެ މުގައްރިރަކީ ވެސް ހަލީލެވެ. އަދި ގަވާއިދު ކޮމެޓީގައި އިންނެވި ނަޝީދު ވެސް ވަނީ އެ ކޮމެޓީން ވަކިކޮށްފަ އެވެ.

މި ހަތަރު މެމްބަރުން ވެސް އައްޔަންކޮށްފައިވަނީ މަޖިލީހުގައި ހިމެނޭ ކުޑަ ކޮމެޓީތަކުގެ ތެރެއިން އިމްތިޔާޒު ކޮމެޓީއަށާއި ސުލޫކު ކޮމެޓީއަށް ކަން އެނގިފައިވެ އެވެ.

ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް. އޭނާއަކީ ކުރިން އިގްތިސާދީ ކޮމެޓީގެ މުގައްރިރު. އެ ކޮމެޓީން އޭނާ މިހާރު ވަނީ ވަކިކޮށްފައި. - ފޮޓޯ: މަޖިލިސް

އެނގިފައިވާ ގޮތުގައި ހަލީލާއި ހުސެއިން މަނިކާއި އަމީތުގެ ބަދަލުގައި އިގްތިސާދީ ކޮމެޓީއަށް އައްޔަންކުރީ ފޭދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ދީދީ، މިލަންދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ހަސަން މުފީދު އަދި ހުޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ޝާހިދެވެ. ނަޝީދުގެ ބަދަލުގައި ގަވާއިދު ކޮމެޓީއަށް އައްޔަން ކުރީ ކޮން މެމްބަރެއްކަން އަދި އެނގިފައެއް ނުވެ އެވެ.

ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ މަޖިލީހުގެ ކޮމެޓީއެއްގައި. އޭނާ ވަނީ އިގްތިސާދީ ކޮމެޓީއަށް ބަދަލުކޮށްފައި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިޕާ ހިލާފުވި މެމްބަރުންގެ ތެރެއިން ހަލީލަކީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އަދަދު މަދުކުރަން ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރަން ވޯޓަށް އެހި ގަޑީގައި ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވި މެމްބަރެވެ. ކައުންސިލް އިންތިހާބުގެ ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަންނަން ވޯޓު ނެގި ގަޑީގައި ވެސް ހަލީލް ނެތެވެ.

ހުސެއިން މަނިކު ދޮން މަނިކަކީ އެއްވެ އުޅުން ހަނިކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހަށް ވޯޓަށް އެހި ގަޑީގައި މަޖިލީހުގައި އިންނެވި ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވި މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

އަމީތަކީ ފަހަކަށް އައިސް މަޖިލީހުގައި ނެގި ވޯޓުތަކުގައި މަޖިލީހަށް ވަޑައިނުގަންނަވާ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ. ނަޝީދަކީ އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ހިޔާލުފާޅުކުރުން ހަނިކުރުމުގެ ގާނޫނާ ދެކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

ތުޅާދޫ ދާއިރާގެ ޕީޕީއެމް މެމްބަރު ނާޒިމް ރަޝާދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު، ވޯޓު ނަގާ ގަޑީގައި އޭނާ މަޖިލީހުގައި ނުއިންނަވާ. - ފޮޓޯ: މަޖިލިސް

މީގެ އިތުރުން ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އަދި ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ވެސް ވަނީ ވިޕާ ހިލާފުވުން އާންމު ކަމަކަށް ވެފަ އެވެ. ނަމަވެސް އެ މެމްބަރުންނާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މީގެ ތެރެއިން ސަލީމް ވަނީ ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ ބިލަށް ވޯޓު ނެގި ދުވަހު މަޖިލިހަށް ވަޑައިނުގަތުމަށް ފަހު، އޭނާ ހުންނަވާ މާލިއްޔަތު ކޮމިޓީން އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ ސަލީމް މިހާރު މަޖިލިހުގެ އެއްވެސް ކޮމިޓީއެއްގައި ނުހުންނަވަ އެވެ.

ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ނެގި ވޯޓުގައި ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ވަނީ މުހިއްމު ކޮމިޓީތަކުން ވަކިކޮށް، އާދައިގެ ކޮމިޓީއަކަށް ބަދަލުކޮށްފަ އެވެ. ފާރިސް ބަދަލުކުރީ ގައުމީ ތަރައްގީގެ ކޮމިޓީން ޕެޓިޝަން ކޮމިޓީއަށެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވަހީދު ވަނީ، އެނގިފައިވާ ގޮތުގައި، އެ ދެ ކޮމިޓީން ވެސް ވަކިކޮށް، ޕެޓިޝަން ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ވާހަކަދައްކަވަނީ: އޭނާ ވެސް ވިޕާ ހިލާފުވެފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި.--- ފޮޓޯ: ނިޝާން އަލީ /މިހާރު

މި މެމްބަރުންގެ އިތުރުން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު، ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލް މަޖިލިހަށް ބަލައިގަތުމަށް ވޯޓު ނެގި ދުވަހު، މަޖިލިހަށް ވަޑައިނުގެންނެވި މައްސަލަ ވެސް ވަނީ ހޫނުވެފަ އެވެ. އޭނާއާ ދެކޮޅު މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި ރިޔާޒް ވެސް ވަނީ ވިޕްލައިނާ ހިލާފުވެފަ އެވެ. އެކަމަކު އޭނާއަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމުގެ ޝަކުވާ މެމްބަރުން އަންނަނީ ކުރައްވަމުންނެވެ.

ސަރުކާރުން ހުށަހަޅާ ބިލްތަކަށް ހުރިހާ މެމްބަރުން ވެސް ވޯޓު ދެއްވަން ޖެހޭނެ ކަމަށް ޕީޖީ ގްރޫޕުން އުސޫލެއް ކަނޑައަޅާފައި ވަނިކޮށް، ފަހަކަށް އައިސް ނެގި ވޯޓުތަކުގައި ބައެއް މެމްބަރުން ވަނީ ތަކުރާރުކޮށް ވިޕްލައިނާ ހިލާފުވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޖަލްސާގައި ހާޒިރުވެވަޑައިގެން ވޯޓު ނުދެއްވާ މެމްބަރުންނާއި ވަކި ކޮޅަކަށް ވޯޓު ނުދެއްވައި ތިއްބަވާ މެމްބަރުންގެ އިތުރުން ޖަލްސާ އަށް ހާޒިރުވެވަޑައިނުގެން ވިޕްލައިނާ ހިލާފުވެވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ވޯޓު ދޭ ގަޑިއަށް ޖަލްސާ އިން ބޭރަށް ނުކުމެވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދުނީ ފަހަކަށް އައިސް މަޖިލީހަށް ހުށަހެޅުނު ބައެއް ބިލުތަކާއި އިސްލާހުތަކުގެ ސަބަބުންނެވެ. އެގޮތުން ބިޑަކާ ނިލާ ރަށްތައް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅުމާއި ހިޔާލުފާޅުކުރުން ހަނިކުރި ގާނޫނާއި، މުޒާހަރާ ކުރުން ހަނިކުރާ އިސްލާހާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހާ މެދު ޕީޕީއެމް މެމްބަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފަ އެވެ.