މީރާ އަކީ ވިޔަފާރިތަކަށް އޮތް ގެއްލުމެއް: ފައްޔާޒު

ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ މި ގަވުތު ވިޔަފާރިތަކަށް އޮތް އެންމެ ބޮޑު ގެއްލުން ކަމަށް އިކޮނޮމިކް މިނިސްޓަ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.


ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންތިޒާމުކުރި މޯލްޑިވްސް ބޯޓިން އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ރޭ ވިދާޅުވީ، މީރާ އުފެދިގެން އައީ އެއްގޮތަކަށް ވެސް ވިޔަފާރިތަކަށް ބިރެއްގެ ގޮތުގައި ނޫން ކަމަށެވެ. އެހެން ނަމަވެސް މީރާ އިން މި ފާއިތުވެދިޔަ ފަސް އަހަރުގައި އަމަލުކޮށްފައިވަނީ ވިޔަފާރިތައް ފުނޑު ފުނޑުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މީރާއަކީ މި ވަގުތު ވިޔަފާރިއަށް އޮތް ވަރަށް ބޮޑު ގެއްލުމެއް. މީރާ އުފެދިގެން އައީ އެއްގޮތަކަށް ވެސް އެ ނިޔަތުގައެއް ނޫން. މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވާ، އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި. ގައުމެއްގެ ކުރިއެރުމެއް ނުގެނެވޭނެ ޓެކްސް ނުނަގާ. އެކަމަކު ޓެކްސް ނެގުމަކީ ވިޔަފާރިތައް ފުނޑު ފުނޑު ކޮށްލާފައި ޓެކްސް ނެގުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ޓެކްސްގެ ގާނޫނުތައް ރިވިއު ކުރާނެ ކަމަށެވެ. އަދި ޓެކްސް ދެއްކުމުގައި ކުންފުނިތަކަށް ދިމާވާ ދަތިތައް ހައްލުކުރައްވާނެ ކަމަށެވެ.

މީގެ ކުރީ ސަރުކާރުތަކުން ވިޔަފާރިވެރިންނަށް ފަސޭހަވާ ގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި މިދާއިރާގެ ނިންމުންތައް ނިންމާފައިވަނީ ވަކި ބޭނުންތަކެއް ހާސިލު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި ސަރުކާރުން މަސައްކަތް ކުރާނީ ވިޔަފާރިވެރިންނަށް ހުރި ދަތިތައް އޮޅުން ފިލުވުމަށް ކަމަށާއި މިހާރުވެސް އޭގެ މަސައްކަތްތައް ފައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިމްޕޯޓް ލައިންސަންސް ބާތިލު ކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ، މި ހަފްތާގެ ތެރޭގައި 7،500 އަށް ވުރެ ގިނަ ކުންފުނި އުވާލެވޭނެ ގޮތް ހަމަޖައްސާނެ ކަމަށާއި ވިޔަފާރިތަކަށް ހުރި ދަތިތައް އޮޅުން ފިލުވުމަށް އަންނަ އަހަރުގެ ފެބްރުއަރީ މަހު ގައުމީ ފެންވަރުގައި ބައްދަލުވުންތަކެއް ބާއްވާނެ ކަމަށެވެ.