ތާރީހީ ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގައި އަލުން ބަހައްޓަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގައި ހުއްޓައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ރޫޅާލައި ނަގައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކަޅުވަކަރު މިސްކިތް ސަލްޓަން ޕާކުގައި ބަހައްޓަން ނިންމީ ކެބިނެޓުގެ ލަފަޔާއެކު ކަމަށެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެ ތަން ކަނޑައެޅުމުގެ ކުރިން މިނިސްޓްރީ އޮފް ހެރިޓޭޖްގެ ފަންނީ މީހުން އެކަމުގެ މައުލޫމާތާއި ލަފާ ކެބިނެޓަށް ދީފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މިގޮތަށް ނިންމީ އާންމުންގެ ހިޔާލު ހުރި ގޮތް ކެބިނަޓަށް ހުށަހަޅައި އެކަންކަމަށް ބެލުމަށްފަހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު އަދި ބޭނުންވާ ފަރާތްތަކަށް ޒިޔާރަތް ވެސް ކުރެވޭ ތަނެއްގެ ގޮތުގައި ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ފަދަ ގޮތަކަށް،" ރައީސް އޮފީހުން ބުންޏެވެ. ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައި ފާރުތައް ހިރިގަލުން ހަދާފައި ހުރި މިސްކިތެކެވެ. މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާކުރީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ 1779މ. އިން 1799މ. އަށެވެ.