ކަރެކްޝަންސް އިން ވަކިކުރި އާސިފަށް އަލުން ވަޒީފާ ދެނީ

ކަރެކްޝަނަލް ސާވިސްގެ ވަޒީފާ އިން ވަކިކޮށްފައިވާ މުހައްމަދު އާސިފަށް އަލުން ވަޒީފާ ދީ، ގެއްލުނު ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ދޭން ދައުލަތުން އެއްބަސްވުމުން އެގޮތަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުއްޓާ މިދިޔަ މާޗް މަހު އާސިފް ވަޒީފާއިން ވަކިކުރީ ކޮމިޝަނާ އޮފް ޕްރިޒަންސަށް އޭނާއާ މެދު އިތުބާރު ނުކުރެވޭ ކަމަށް ބުނެ އެވެ. އޭނާ ވަކިކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށް ފަހު އެވެ. އެކަމަކު އާސިފް ވަކިކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާ އަކަށް މިހާތަނަށް ވެސް ނާންގާ ކަމަށް ވެ އެވެ.

އެ މައްސަލަ އާސިފްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ދައުލަތުން ވަނީ އޭނާ ވަކިކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިިޒޮލިއުޝަން މަރުހަލާގައި އެއްބަސްވެ، އޭނާގެ ވަޒީފާ އަލުން ދިނުމަށާއި ގެއްލުނު ދުވަސްތަކުގެ މުސާރަ އާއި އިނާޔަތްތައް ވެސް ދޭން އެއްބަސްވެފަ އެވެ.

އެހެންވެ، ކޯޓުން ވަނީ ދެ ފަރާތުން އެއްބަސްވި ގޮތަށް، އާސިފަށް އޭނާ ކުރިން ހުރި ވަޒީފާ އަނބުރާ ދިނުމަށާއި އަދި ވަކިކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެންޖެހޭ 324،000ރ. އެއް އަހަރުގެ ތެރޭގައި ދެއްކުމަށް އަމުރުކޮށްފަ އެވެ. އަދި ވަކިކޮށްފައި ހުރި ދުވަސްތައް ވެސް ޚިދުމަތް ކުރި މުއްދަތުގެ ގޮތުގައި ބެލުމަށް އެ ހުކުމުގައި އަންގާފައިވެ އެވެ.

އާސިފަށް އަލުން ވަޒީފާދޭން ދައުލަތުން އެއްބަސްވިއިރު، ކުރިން ފުލުހުން ވަޒީފާއިން ވަކިކޮށްފައި ތިބި ހަތަރު އޮފިސަރަކަށް ވެސް އަލުން ވަޒީފާދޭން ދައުލަތުން އެއްބަސްވުމުން ކޯޓުން ވަނީ އެގޮތަށް ހުކުމްކޮށްފަ އެވެ.

މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް އަލުން ވަޒީފާދިނީ ވެސް އޭނާ ވަކިކުރީ އިޖްރާއާތުތަކާ ޚިލާފަށް ކަމަށް ދައުލަތުން އެއްބަސްވުމުންނެވެ.