ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ހުޅުވަނީ

ޖަނަވާރުންނަށް ފަރުވާދޭ މަރުކަޒެއް ވިލިމާލޭގައި މާދަމާ ހުޅުވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.


މި މަރުކަޒުގައި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. މި މަރުކަޒު ހުޅުވުމުން، ޖަނަވާރުންގެ ޒަރީއާ އިން އިންސާނުންނަށް ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ފިޔަވަޅު އަޅަން ފަސޭހަ ވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖޭގައި ގާއިމްކުރާ މިފަދަ ފުރަތަމަ މަރުކަޒު ހުންނާނީ ވިލިމާލޭގައި ހުންނަ ފިޝަރީޒް ރިސާޗް ސެންޓަރުގަ އެވެ.

ޖަނަވާރުންނަށް ފަރުވާދޭނެ މަރުކަޒެއް ހުޅުވާ އިރު މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ބަޔަކު އަނިޔާކޮށް، މަރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. މަގުމަތީގައި އުޅޭ ބުޅާތަކަށް އަޅާލާނެ ޝެލްޓަރެއް ގާއިމް ކުރުމަކީ، ބުޅާދެކެ ލޯބިވާ މީހުން ސޯޝަލް މީޑިއާގައި އެދެމުން އަންނަ ކަމެކެވެ.