ގަވާއިދާ ހިލާފަށް ރުއް ނެގުމުން، ޅައިމަގު ކައުންސިލް ޖޫރިމަނާކޮށްފި

ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ރުއް ނެގި މައްސަލައިގައި އެންވަޔަރްމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ށ. ޅައިމަގު ކައުންސިލް މިއަދު ޖޫރިމަނާ ކޮށްފި އެވެ.


އެ އޭޖެންސީން ކުރި ޓްވީޓެއް ގައި ބުނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޅައިމަގު ކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ކުރި އަދަދެއް އަދި ސާފެއް ނުވެ އެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމުގެ ގަވާއިދު ބުނާގޮތުން ގަވާއިދާ ހިލާފުވި ކުޑަބޮޑުމިނަށާއިި އެ މަސައްކަތެއް ކުރި ފަރާތަށް ލިބުނު މާލީ ފައިދާ އަށް އެ މީހެއް ނުވަތަ ފަރާތެއް ޖޫރިމަނާކުރާއިރު ބެލޭނެ ކަމަށެވެ.

ޅައިމަގުގެ ތިން ސަރަހައްދަކުން 500 އަށް ވުރެ ގިނަ ރުއް ނަގައި ވިއްކައިލި މައްސަލައެއް މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި ވަނީ ފަޅާ އަރައިފަ އެވެ. އެކަމާ ގުޅޭގޮތުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އޭރު ވިދާޅުވީ ހުއްދަ ނުދޭ ސަރަހައްދަކުން ވެސް ރުއްތައް ނަގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހުއްދަ ދީފައިވާނީ ކުނި ކޮއްޓާއި އެތަނަށް ދާނެ މަގެއް ހަދަން ނަގަން ޖެހޭ ރުއްތަކެއް ނެގުމަށެވެ.

ޅައިމަގުން އަލަށް ގޯތި ދޫކުރަމުން އަންނަ ސަރަހައްދުގައި ކުނިކޮއްޓެއް ހަދަން 10،000 އަކަފޫޓްގެ ސަރަހައްދެއް ކުރިން ސާފުކުރި އެވެ. އޭގެ އިތުރުން، އެތަނަށް ދިއުމަށް ހަދަނީ 400 ފޫޓު ދިގު އަދި 30 ފޫޓު ފުޅާ މަގެކެވެ. ޕާކެއް ހަދަން ކައުންސިލުން ސާފުކުރި 20،000 އަކަފޫޓުގެ ބިމުގައި ހުރި ރުއްތައް ނަގަން އީޕީއޭ އިން ހުއްދަ ދީފައިނުވާނެ ކަމަށް ނައީމް ކުރިން ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރުއް ނެގި މައްސަލާގައި ޅައިމަގު ކައުންސިލް ޖޫރިމަނާކޮށްފައިވާއިރު، އީޕީއޭ އިން މިހާރު އަންނަނީ މަގުތަކަށް ކުނި އަޅާ މީހުންގެ ވަނަވަރު ވެސް އާއްމުކުރަމުންނެވެ.