މަޖިލިހުގެ ޖަލްސާތައް ފަށާނީ މި މަހުގެ 25 ގައި

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މި މަހުގެ 25 ގައި އަލުން ފަށަން މިއަދު ނިންމައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި މަޖިލިހުގެ ރައީސް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ އިސް ބޭފުޅުންނާ އެކީ ބޭއްވެވި ބައްދަލުވުމުގައި ޖަލްސާތައް ހަފުތާއެއް ފަހުން ފެށުމަށް އެ ބޭފުޅުން ވަނީ އެއްބަސްވުމަކަށް އާދެވިފަ އެވެ.

މަޖިލީހުގެ އިދާރާގައި ބޭއްވި ބައްދަލުވުމުގައި ގާސިމްގެ އިތުރުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ނިހާން "މިހާރު" އަށް ވިދާޅުވީ ބައްދަލުވުމުގައި މަޖިލިހުގައި ކުރިއަށް ހުރި މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެކަމަކު، އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

އެކަމަކު، ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ނިހާން ވިދާޅުވީ ގާސިމް ކަންކަން ނިންމަވަމުން ގެންދަވަނީ މަޝްވަރާގެ ރިވެތި އުސޫލުން ކަމަށެވެ. ގާސިމަކީ މަޖިލީހުގެ އެހެން ރައީސުންނާ ހިލާފަށް ތަފާތު، މަޝްވަރާގެ އުސޫލު އިހްތިޔާރު ކުރައްވާ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"މަޖިލިހުގެ ރައީސް (ގާސިމް) ހުރިހާ ކަމެއް ކުރައްވާނީ މަޝްވަރާގެ އުސޫލުން. ސިޔާސީ ޕާޓީތަކުގެ ވަރަށް ބޮޑެތި ބައިވެރިވުން ކުރިއާ ހިލާފަށް އޮވޭ،" ނިހާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އާ ދައުރުގެ ފުރަތަމަ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އިރު، އެ ދުވަހު ހަމައެކަނި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ބަޔާން އިއްވުން އެކަންޏެވެ.

އެމަނިކުފާނު ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ، އަދުލު އިންސާފު ގާއިމްކޮށް، ތަރައްގީގެ މަޝްރޫއުތަކުން ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ބިޔަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ.

އާ ދައުރުގައި ރައްޔިތުންގެ މަޖިލިހަށް ސަރުކާރުގެ ފަރާތުން ގިނަ ބިލްތަކެއް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. ސަރުކާރުން ކުރިން ބުނި ގޮތުގައި މަޖިލިހަށް ހުށަހަޅާ ބިލްތައް ވީހާވެސް އަވަހަކަށް ފާސްވެއްޖެނަމަ، އެއީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވައުދުތައް ފުއްދުމަށް އެޅިގެންދާ ބޮޑު ބާރަކަށް ވާނެ އެވެ.

މަޖިލިހުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށި ނަމަވެސް، މާ ގިނަ ޖަލްސާތަކެއް ހިނގާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ، އަންނަ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވުމާއި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގިނަ މެމްބަރުން ކެމްޕެއިންގައި އުޅުއްވާނެތީ އެވެ. އަދި ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމައި އަންނަ އޭޕްރީލް މަސް ނިމުމުން ދައުރު ނިމެނޭ އެވެ.