އޮސްކާ ވެސް ހޯދި މަގުބޫލު ފިލްމު "ސްލަމްޑޯގް މިލިއަނާ" ގެ ޑައިރެކްޓަރު ޑެނީ ބޮއިލް ބެލުންތެރިންނަށް ގެނެސްދޭ މިއުޒިކަލް ކޮމެޑީ "ޔަސްޓަޑޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ލޯބީގެ ފިލްމުތަކެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމުތައް ކަމަށްވާ "ނޮޓިން ހިލް" އާއި "ލަވް އެކްޗްލީ" އަދި "ފޯ ވެޑިންފްސް އެންޑް ފިއުނަރަލް" ފަދަ ފިލްމުތަކުގެ ސްކްރީން ރައިޓަރު ރިޗަޑް ކާޓިސް އެވެ.
"ޔަސްޓަޑޭ" ލީޑް ކާސްޓުންނަކީ ލިލީ ޖޭމްސް، އެނާ ޑި އާމްސް، ކޭޓް މެކިނަން އަދި ލެމޯން މޮރިސް އެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ވެސް ހިމެނެ އެވެ.
"ޔަސްޓަޑޭ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ޑެނީ، 62، އެންމެ ފަހުން ޑައިރެކްޓްކޮށް ބެލުންތެރިންނަށް ގެނެސް ދިނީ 2017 ގެ "ޓީ2 ޓްރެއިންސްޕޮޓިން" އެވެ. އޭނާ 2009 ގައި ގެނެސް ސިން "ސްލަމްޑޯގް މިލިއަނާ" އަކީ އޮސްކާގެ 10 ކެޓަގަރީއަކުން ނޮމިނޭޓްވެ، އަށް އެވޯޑް އުފުލައިލި ފިލްމެކެވެ.
އޭގެ ތެރޭގައި އެންމެ މޮޅު ފިލްމު، އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ އަދި އެންމެ މޮޅު ޑައިރެކްޓަރުގެ އޮސްކާ ވެސް ހިމެނެ އެވެ.
ޑެނީއަކީ އަންނަ އަހަރު ރިލީޒް ކުރާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު ވެސް ޑައިރެކްޓް ކުރަން ލިބުމަށް ފަހު، ފަހުން އެ ފުރުސަތު ދޫކޮށްލާފައިވާ ޑައިރެކްޓަރެކެވެ.