ސައީދު ސަސްޕެންޑުކުރީ ރިޔާސީ އިންތިހާބާ ދިމާކޮށް މުވައްޒަފުންނާ މެދު އަމަލުކުރި ގޮތުން

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު ސަސްޕެންޑުކުރީ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންކަން "މިހާރު" އަށް އެނގިއްޖެ އެެވެ.


އެެ މިނިސްޓްރީން ހުށަހެޅި މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ ސައީދު އެއް މަހަށް ސަސްޕެންޑުކޮށްފަ އެވެ. މިދިޔަ މަހުގެ 24 ވަނަ ދުވަހު އެޅި ފިޔަވަޅުގެ މުއްދަތު ހަމަވުމާ އެކު، އޭނާގެ ސަސްޕެންޝަން އަނެއްކާ ވެސް އެއް މަހަށް އިތުރުކޮށްފައިވެ އެވެ. އޭނާ ފުރަތަމަ ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށެވެ. ނަމަވެސް ފަހުން ސަސްޕެންޑްކޮށްފައި ވަނީ މުސާރަ ނުލިބޭ ގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައީދު ސަސްޕެންޑުކުރުމުން ވަގުތީ ޕީއެސްއަކަށް ހަމަޖައްސާފައިވަނީ އެތަނުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ވަހީދު އަލީ އެވެ.

އެނގިފައިވާ ގޮތުގައި ސައީދާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހަތަރު މައްސަލައެއް ހުށަހަޅާފައި ވެ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވެންޓުން އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި ކެމްޕެއިން މަސައްކަތަށް ރަސްމީ ގަޑީގައި ސިވިލް ސާވެންޓުން ދޫކުރުމުގެ އިތުރުން އިންތިޚާބާ ދިމާކޮށް، މިނިސްޓްރީގެ ބައެއް މުވައްޒަފުން، އެ މުވައްޒަފުން ނިސްބަތްވާ ރަށްރަށަށް ދުރާާލައި ފޮނުވާފައިވާކަމުގެ ތުހުމަތާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ދެ މުވައްޒަފަކު ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ވަޒީފާއިން ވަކިކުރުމުގައި އަމަލުކޮށްފައިވާކަމުގެ ތުހުމަތެވެ.

މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ ކޮންމެ ތަނެއްގައި ވެސް ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ސައީދު އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއަކަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނޮވެމްބަރު 9، 2017 ގަ އެވެ. އޭނާ އޭގެ ކުރިން ހުންނެވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގަ އެވެ. ސައިދު ސަސްޕެންޑުކުރިއިރު، ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އޭރުގެ ސަރުކާރުން ސިވިލް ސާވެންޓުން ބޭނުންކުރި މައްސަލަ ވަރަށް ބޮޑުވި އެވެ. އެހެންވެ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން އޭރު އިދިކޮޅު ޕާޓީތަކުން ނިންމި އެވެ.