އެލިއާ އިންވެސްޓްމެންޓުން "ކޮންމެ ކުލަޔަކަސް ޔަމަހާ" މި ނަމުގައި ސައިކަލަށް ހާއްސަ ޕްރޮމޯޝަނެއް ފަށައފި އެވެ.
އެލިއާގެ މާކެޓިން އެގްޒެކެޓިވް އައިމިނަތު ހަލްފާ ވިދާޅުވީ، މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އޭޕްރީލް 10 އާ ހަމަޔަށް ކަމަށެވެ. މި ޕްރޮމޯޝަން ކޭޝް ކަސްޓަމަރުންނަށާއި އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް ހާއްސަ ކުރެވިފައިވެ އެވެ.
"މި ޕްރޮމޯޝަންގަަައި ތަފާތު އޮފާތައް އެބަ ހުރި. ކޭޝް ކަސްޓަމަރުންނަށް މިދެނީ އަޅުގަނޑުމެންގެ އެކި މޮޑެލްތަކުން ކޭޝް ޑިސްކައުންޓްތައް. ގަންނަ ކޮންމެ ސައިކަލަށް ދެ ހެލްމެންޓް ލިބޭނެ. އިންސްޓޯލްމެންޓް ކަސްޓަމަރުންނަށް ހުރިހާ މޮޑެލްތަކުން ޑައުންޕޭމެންޓް 50 ޕަސެންޓް ދަށް ކުރެވިފައިވަނީ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންސްޓޯލުމެންޓް ކަސްޓަމަރުންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ވަޒީފާގައި އުޅެފައިވާ މުއްދަތު ތިން މަސް ދުވަހަށް ކުޑަ ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގައި ރަށެއްގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ އެވެ. އެގޮތުން ފޯނުން ގުޅައިގެން ނުވަތަ އީމެއިލާއި ވައިބާގެ ހިދުމަތް ބޭނުންކޮށްގެން ވެސް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ.
މި ޕްރޮމޯޝަންގެ ދަށުން އެއްފަހަރާ ފައިސާ ދައްކައިގެން ސައިކަލު ބައްލަވައިގަންނަ ނަމަ 5000ރ. އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ.
މީގެ އިތުރުން މަހުން މަހަށް ފައިސާ ދައްކާގޮތަށް ސައިކަލު ނަގާ ފަރާތްތަކަށް އެޕްލިކޭޝަން ހުށައަޅާ ވަގުތުން އެއްބަސްވުމުގައި ސޮއިކޮށްލެވޭނެ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި ސައިކަލް ލިބިގެންދާނެ އެވެ. އެޕްލިކޭޝަނާއި އެއްކޮށް ޕޯސްޓް ޑޭޓެޑް ޗެކް ބަހައްޓާކަށް ވެސް ނުޖެހޭނެ އެވެ.
އެލިއާއިން ކުރިއަށްގެންދާ އިންސްޓޯލްމަންޓް ސްކީމަކީ އިސްލާމީ ޝަރީއާ އާއި އެއްގޮތްވާ ގޮތުގެމަތިން، ރިބާ ނުހިމެނޭ އިންސްޓޯލްމަންޓް ސްކީމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ސައިކަލު ނަގާ ފަރާތްތަކަށް ވެސް ސައިކަލު ލިބިގެންދާނީ ސީދާ ޕްރައިވެޓް ބޯޑުގަ އެވެ.
އެލިއާއިން ދަނީ ހަ މޮޑެލެއްގެ ސައިކަލު ވިއްކަމުންނެވެ. އޭގެ ތެރޭގައި ފިނޯ އާއި އެންމެކްސް އާއި އެމްއެކްސް ކިންގް އާއި ކިއުބިކްސްގެ އިތުރުން ފްރީގޯ ހިމެނެ އެވެ.
އެލިއާ އިން މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަންތަކަކީ އެ ކުންފުންޏަށް 55 އަހަރު ފުރުން ފާހަގަ ކުރުމާއި އެލިއާ އިންވެސްޓްމެންޓާއި ޔަމަހާގެ ގުޅުމަށް 45 އަހަރު ފުރުމާ ގުޅުވައިގެން "އެންމެނަށް ވެސް" މިނަމުގައި ކުރިއަށްގެންދާ ސިލްސިލާ ޕްރޮމޯޝަންތަކެކެވެ. މިއީ އެގޮތުން ބާއްވާ ދެވަނަ ޕްރޮމޯޝަނެވެ.