ތަހުގީގު ހިންގަން ރިޔާސީ ކޮމިޝަންގެ ބޭނުމެއް ނެތް: ޖަމީލް

ކޮރަޕްޝަނުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަން ހެދުމަށް ވުރެ މިހާރު ވެސް ހުރި މުއައްސާތައް ބޭނުން ކުރުން މާ ރަނގަޅުވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރޭ ވިދާޅުވެއްޖެ އެވެ.


ސަރުކާރު ހިންގާ ކޯލިޝަންގެ މެދުގައި ކޮށްފައިވާ އެއްބަސްވުމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އެކު ކުނޫޒުގައި ރޭ ބޭއްވި ނޫސް ކޮންފަރެންސްގައި ޖަމީލް ވިދާޅުވީ ކޮމިޝަންތަކަށް ބާރު ދިނަސް، ތަހުގީގު ހިންގަން ޖެހޭނީ އެހެން މުއައްސަސާތަކުގެ ވެސް އެހީގައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރަށާއި ދައުލަތަށް ވެސް މަންފާ ހުރި ގޮތަކީ މިހާރު ގާއިމްކޮށްފައިވާ މުއައްސަސާތައް ހަރުދަނާކޮށްގެން އެ ތަންތަނުގެ ބޭނުން ހިފުމެވެ.

ޖަމީލް ވިދާޅުވީ ތަހުގީގުތައް ހިންގަން އެންމެ ފަސޭހަ މަގަކީ ވެސް މިހާރު ހުރި މުއައްސަސާތަކުން އެ މަަސައްކަތް ކުރުން ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސަރުކާރަށް ވެސް އަދި މުޅި ގައުމަށް ވެސް ލާބަޔާއި މަންފާ، ފަސޭހަ މަގު އޮންނާނީ ހުރި މުއައްސަސާތައް އިތުރަށް ހަރުދަނާކޮށްގެން، މުއަައްސަސާތަކުގެ ތެރެއިން [މަސައްކަތް ކުރާ ނަމަ]" ޖަސްޓިސް މިނިސްޓަރު ކަމާއި ހޯމް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަމީލް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާ އަށް ޖޭޕީގެ ޓިކެޓްގައި ވާދަކުރައްވާ ޖަމީލްގެ ވާހަކަ އެގޮތަށް މިއައީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން ކޮރަޕްޝަނުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރިޔާސީ ދެ ކޮމިޝަނެއް އުފައްދަވައި، އެ ކޮމިޝަންތަކަށް ބާރުތަކެއް ދޭން ފަަރުމާކުރި ބިލް މަޖިލިހުގައި ތާށިވެ އޮތުމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމަށް ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޖަމީލް ވާހަކަފުޅު ދެއްކެވީ އެކަމާ ބެހޭ ގޮތުން ކުރިން ގާސިމް ދެއްކެވި ވާހަކަފުޅުތައް ދިފާއުކުރައްވަ އެވެ.

ޖަމީލް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކާ މަތިނުކޮށް ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކާ ހަވާލުކޮށްގެން އެކަންކަން ކުރިއަށް ގެންދާ ނަމަ މާ އަވަސްވީސް ކަމަށެވެ. އެގޮތަށް ކަންތައް ކުރި ނަމަ މައްސަލަތައް މިހާރު އޮތީހީ ހިނގައިގެންފައި ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު ރިޔާސީ ކޮމިޝަންތަކެއް އުފެއްދެވީ މިހާރު ހުރި މުއައްސަސާތަކުން އެ މައްސަލަތައް ރަނގަޅަށް ނުބެލޭނެ ކަމަށް، މާޒީގެ ތަޖުރިބާ އިން، ފާހަގަކުރެވޭތީ އެވެ. މިހާރު ބަލަމުން އަންނަ ގިނަ ކަންކަން ހިނގީ މިހާރު ގާއިމްކޮށްފައިވާ މުއައްސަސާތައް ހުއްޓަ އެވެ. އެކަމަކު ވަރަށް ގިނަ ކަންކަމުގައި އެ މުއައްސަސާތަކުން ފެނުނީ ނުކުޅެދުންތެރިކަމާއި އޭރުގެ ސަރުކާރު ބޭނުންވާ ގޮތަކަށް އަމަލްތައް ބެހެއްޓި ތަނެވެ.

ޖަމީލް ވަނީ ރާއްޖޭގައި އޮތް ފަދަ ރިޔާސީ ނިޒާމުތައް އޮތް އެހެން ގައުމުތަކުގައި ބޮޑެތި ކަންތައްތައް ދިމާވީމާ ތަހުގީގުކުރަނީ ރިޔާސީ ކޮމިޝަންތައް އައިސްގެންތޯ ސުވާލު ކުރައްވައިފަ އެވެ. ނުވަތަ ކޮމިޝަންތައް ނުހަދައި އެފަދަ މައްސަލަތައް ނުބެލެނީތޯ ވެސް އެއްސެވި އެވެ.

"ކޮންމެ ބަޔަކު ކުރިޔަސް ހޯދަން މިޖެހެނީ ފުލުހުންގެ އެހީތެރިކަން. ކޮމިޝަނަށް ބާރު ދިނިއްޔޯ، ކޮމިޝަންގައި ހުންނާނެތޯ މިސާލަކަށް ފޮރެންސިކް، ފައިނޭންޝަލް ފޮރެންސިކާއި އެހެނިހެން ފޮރެންސިކް ހޯދުމުގެ ބާރު؟ ހަމަ ޖެހޭނީ ފުލުހުންގެ އެހީ ބޭނުންކުރަން،" ޖަމީލް ވިދާޅުވި އެވެ.

ޖަލީމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ބައިވެރިވެވަޑައިގެންނެވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ގާނޫނު އަސާސީއާ ވެސް ހިލާފު ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ދެއްކެވީ ގާނޫނު އަސާސީގައި ވަކިވަކި ބާރުތަކެއް ވަކިވަކި މުއަައްސަސާތަކަށް ދީފައި އޮތް އޮތުމާ ހިލާފުވުމެވެ.

"ހުރިހާ ތަނަކުން ކުރާ ކަންތައްތައް އެއްކޮށްފައި [ރިޔާސީ ކޮމިޝަންތަކުގައި] މި އޮންނަނީ. އެކަމަކު ގާނޫނު އަސާސީގައި ވަކިވަކިން އެތަންތަނަށް [ބާރުތައް] ހަވާލުކޮށްފައި ހުރީ،" ގާސިމް ވިދާޅުވި އެވެ.

"ކީއްވެތޯ ފުލުސް އޮފީހަށް ހުރިހާ ކަމެއް ހަވާލުނުކުރީ؟ ކީއްވެތޯ އެންޓި ކޮރަޕްޝަނަށް ހުރިހާ ކަމެއް ހަވާލު ނުކުރީ ގާނޫނުއަސާސީގައި؟ އެކަމަކު އެހެން ނަހައްދަވައި މި އެއްޗިހި ވަކިކޮށްފައި އެތަންތަނާ ހަވާލުކޮށްފައި ހުއްޓާ އެ ޑުޕްލިކޭޓްވާ ގޮތަށް ކިހިނެއްތޯ ހަދާނީ؟ އެއީ ގާނޫނުއަސާސީގެ ރޫހެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމުގައި އިދިކޮޅުން އިސް ރޯލެއް އަދާކުރެއްވި އެއް ލީޑަރު ވިދާޅުވީ ބިލް މަޖިލީހަށް ވެއްދިޔަސް އެޖެންޑާ ނުކުރާނެ ކަމަށް ރައީސް އަރިހު ދެންނެވި ކަމަށެވެ. ފުރަތަމަ ބިލު އައި އިރު އޮތް ގޮތުން އެ ބިލް ފެނުނު މީހަކު ހައިރާންވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ދެން ވިދާޅުވީ ކޮމިޓީގެ މަރުހަލާގައި ބިލު ވަރަށް ބޮޑަށް ބަދަލުކޮށް، ދެވަނަ ފަހަރަށް ގެނައީ މުޅިން އެހެން ޑްރާފްޓެއް ހަދައިގެން ކަމަށެވެ.

ގާސިމްގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހިންގާފައިވާ ގޮތާ މެދު ރައީސް އިބްރީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ފާޑުވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ވޯޓް ދިނީ އެކުގައި މަސައްކަތްކޮށްގެން ވީ ވައުދުތައް ފުއްދަން ކަމަށާއި ނަމަވެސް މަޖިލީހުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.

"ވީ ވައުދުތައް އޮތީ އޮތް ތާނގައި. އެހެން ނަމަވެސް މަންޒަރު ފެންނަނީ އެހެން ގޮތަކަށް. އެއީއެއް ނޫން ތިޔަ ބޭފުޅުން ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ވޯޓް ދެއްވި ސަބަބަކީ. އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމަށްޓަކައި ތިޔަ ބޭފުޅުން ދެއްވި ވޯޓެއް އެއީ،" ގާސިމް ނަންފުޅު ނުގެންނަވައި، ރައީސް ވިދާޅުވި އެވެ.