މަޖިލީހާ މެދު ރައީސް ދެއްކެވި ވާހަކަ އަށް ގާސިމް ރައްދު ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދަނީ ވައުދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ރައްދު ދެއްވައިފި އެވެ.


ޖޭޕީން ކުނޫޒުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ ރައީސް ދެއްކެވި ވާހަކަފުޅާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ކަންތައް ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އެ ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.

"ހުރިހާ ތަނަކުން ކުރާ ކަންތައްތައް އެއްކޮށްފައި މި އޮންނަނީ. އެކަމަކު ގާނޫނު އަސާސީގައި ވަކިވަކިން އެތަންތަނަށް [ބާރުތައް] ހަވާލުކޮށްފައި ހުރީ. ކީއްވެތޯ ފުލުސް އޮފީހަށް ހުރިހާ ކަމެއް ހަވާލުނުކުރީ؟ ކީއްވެތޯ އެންޓި ކޮރަޕްޝަނަށް ހުރިހާ ކަމެއް ހަވާލު ނުކުރީ ގާނޫނުއަސާސީގައި؟ އެކަމަކު އެހެން ނަހައްދަވައި މި އެއްޗިހި ވަކިކޮށްފައި އެތަންތަނާ ހަވާލުކޮށްފައި ހުއްޓާ އެ ޑުޕްލިކޭޓްވާ ގޮތަށް ކިހިނެއްތޯ ހަދާނީ؟ އެއީ ގާނޫނުއަސާސީގެ ރޫހެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމިޝަންތަކަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހަށް އެނގޭ ބައެއް ވެސް ނޫން ކަމަށެވެ. ކޮމިޝަންތަކުގެ ބިލް އޮތް ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި އެ ބިލް އޮތީ އެހެން މުއައްސަސާތަކެއްގެ ބާރުތައް ނަކަލުވާ ގޮތަށެވެ.

"ގާނޫނު އަސާސީން މެންޑޭޓް ދީފައި ހުރި ތަންތަނުން ކުރާ ކަންތައްތައް ޑުޕްލިކޭޓް ކުރަން. މާދަމާ ބުނަންވީ ނޫންތޯ ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރަނީ ތިމަންނާ ބޭނުންވާ ގޮތަކަށް ނޫނޭ. ކޮމިޝަނެއް ހައްދަވަންވީ، އުފައްދަވާފައި ރައްޔިތުންގެ މަޖިލީހުން އަނެއްކާ އަނެއް ގާނޫނު. ހަމަ އުފައްދަވަންވީ ނޫންތޯ ރައްޔިތުންގެ މަޖިލީހުން ކުރާ ކަންތައްތައް ތަހުގީގު ކުރަން. ނޫނިއްޔާ ރައްޔިތުންގެ މަޖިލީހެއް ދެވަނަ،" ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމުގައި އިދިކޮޅުން އިސް ރޯލެއް އަދާކުރެއްވި އެއް ލީޑަރު ވިދާޅުވީ ބިލް މަޖިލީހަށް ވެއްދިޔަސް އެޖެންޑާ ނުކުރާނެ ކަމަށް ރައީސް އަރިހު ދެންނެވި ކަމަށެވެ. ފުރަތަމަ ބިލު އައި އިރު އޮތް ގޮތުން އެ ބިލް ފެނުނު މީހަކު ހައިރާންވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ދެން ވިދާޅުވީ ކޮމިޓީގެ މަރުހަލާގައި ބިލު ވަރަށް ބޮޑަށް ބަދަލުކޮށް، ދެވަނަ ފަހަރަށް ގެނައީ މުޅިން އެހެން ޑްރާފްޓެއް ހަދައިގެން ކަމަށެވެ.

"ކޮމެޓީ ލެެވެލްގައި އަނެއްކާ މަސައްކަތް ކޮށްފައި އައި އިރު ވެސް މި ދެންނެވި ގޮތަށް އެކަންތައްތައް ހުރީމާ، މިދެންނެވި ހުރިހާ މުުއްސަސާތަކުގެ ބާރު އެ ކޮމިޝަނަށް ދިނީމާ ދެން މިވަނީ ޑުޕްލިކޭޓް،" ގާސިމް ވިދާޅުވި އެވެ.

ކޮމިޝަންތަކަށް ބާރުދޭ ބިލާ މެދު މިރޭ ގާސިމް މިހާ ދިގުކޮށް ވާހަކަ ދެއްކެވި އިރު އެ ބިލަށް ވޯޓަށް ނޭހި އޮތީ، މަޖިލިހުގެ މެޖޯރިޓީ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ވަރަށް މެމްބަރުން ހާޒިރުނުވެގެންނެވެ. އެކަމަކު ފަހުން ވަނީ އެޖެންޑާ އިން ނަގައިފަ އެވެ.

ނަމަވެސް އޭރު އެގޮތަށް ކޯރަމް ހަމަނުވީ ޖޭޕީން ސީދާ ވަކި ގޮތެއް ނިންމައިގެންކަން ނުވަތަ ނޫންކަން ސާފުކޮށް ބުނެފައެއް ނުވެ އެވެ.

މަޖިލީހުގެ މަސައްކަތްތައް ހިނގި ގޮތާ ބެހޭ ގޮތުން ރައީސް މިއަދު ވާހަކަ ދެއްކެވީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގަ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ވޯޓް ދިނީ އެކުގައި މަސައްކަތްކޮށްގެން ވީ ވައުދުތައް ފުއްދަން ކަމަށާއި ނަމަވެސް މަޖިލީހުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.

"ވީ ވައުދުތައް އޮތީ އޮތް ތާނގައި. އެހެން ނަމަވެސް މަންޒަރު ފެންނަނީ އެހެން ގޮތަކަށް. އެއީއެއް ނޫން ތިޔަ ބޭފުޅުން ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ވޯޓް ދެއްވި ސަބަބަކީ. އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމަށްޓަކައި ތިޔަ ބޭފުޅުން ދެއްވި ވޯޓެއް އެއީ،" ރައީސް ވިދާޅުވި އެވެ.