ސީޖީޓީ އަތުން 22 މިލިއަން ނެގީ ބޮންޑެޑުގެ މަރުހަލާތައް ސުން ގަނޑި އަށް ނުނިމޭތީ: ކަސްޓަމްސް

ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑުން 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަސްޓަމްސް އަށް ދައްކަން އެންގީ، އެ ކުންފުނިން ބޮންޑެޑް ވެއާ ހައުސްގައި މުދާ ސްޓޮކްކޮށް، އަދި އެ ތަނުން ނެރެ ދާއިމީ އިމްޕޯޓަށް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމުގެ އިސްލާހަށް އަމަލުކުރުމުގެ ސުން ގަޑި އަށް ނިމިފައި ނުވާތީ ކަމަށް ކަސްޓަމްސް އިން މިރޭ ބުނެފި އެވެ.


ސީޖީޓީ އަށް އަނބުރާ 22 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން މިދިއަ ހަފުތާގައި ކުރި ހުކުމުގެ ޚަބަރު މީޑިއާތަކުން ގެނައުމާ އެކު، ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނީ މާޗް 2، 2017 ވަނަ ދުވަހުން ފެށިގެން ސިނގިރޭޓުގެ ބޮޑު ޑިއުޓީ އަށް ސަރުކާރުން އަމަލުކުރަން ފެށުމުން، ކަސްޓަމްސް އިން ކަންކުރާނެ ގޮތް, ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ ޑައިރެކްޓިވްއަކުން އޮތީ ކަނޑައަޅައިފައި ކަމަށެވެ.

އެ ޑައިރެކްޓިވްގެ އެއްވަނަ މާއްދާގައި ބުނަނީ "2017 މާޗް 02 ދުވަހުގެ 14:00 ގެ ކުރިން ރާއްޖެ އައިސް އިންވާޑް ކްލިއަރެންސް ނަގާފައިވާ އުޅަނދުތަކުން ގެނެސްފައިވާ މުދަލަށް އެ ވަގުތުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައިވާ ނަމަ އެ ޑިކްލަރޭޝަން ނިންމައި ދިނުމުގައި މި އިސްލާހަށް ނުބެލުން" މިހެންނެވެ.

ކަސްޓަމްސްގެ ނޫސްބަޔާން

އެކަަމަކު، ސީޖީޓީން ބޮންޑެޑް ވެއާ ހައުސް އަށް ކޮންސައިންކޮށް، މާޗް 1 ގައި ރާއްޖެ ގެނައި ހަ ކޮންޓެއިނަރުގެ ސިނގިރޭޓް، ބޮންޑެޑް ވެއާ ހައުސް އިން ނެރެ ދާއިމީ އިމްޕޯޓު ޑިއުޓީގެ ގޮތުގައި ކްލިއާ ކުރިއިރު، ބޮޑުކުރި ޑިއުޓީ ނުވަތަ 22 މިލިއަން ރުފިޔާ ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެކަމަކު، އެ ފައިސާ ދެއްކި ނަމަވެސް އަނބުރާ ހޯދަން ސީޖީޓީން ކޯޓަށް ދިޔަ އެވެ.

ނަމަވެސް، މި ސަރުކާރު އައި ފަހުން އެ މައްސަލަ ބަލައި، އެ ފައިސާ އަނބުރާ ހޯދަން ސީޖީޓީން ކަސްޓަމްސްއާ ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާ އެ ކުންފުންޏާ އެއްކޮޅަށް މިދިޔަ ހަފުތާގެ ބުދަދުވަހު ވަނީ ނިންމައިފަ އެވެ. ހުކުމުގައި ވާ ގޮތުން ބުދަދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ކަސްޓަމްސް އިން ސީޖީޓީ އަށް ދައްކަން ޖެހެ އެވެ.

ފެން ކުންފުނީގެ ޗެއާމަން މައުސޫމް: އޭނާގެ ހިއްސާ އޮންނަ ސީޖީޓީ އަށް 22 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ވަނީ ކަސްޓަމްސް އަށް އަމުރުކޮށްފައި.

އެގޮތަށް ހުކުމް އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓުގައި ނެގި ސްޓޭންޑް، މި ސަރުކާރުން ބަދަލުކުރުމުންނެވެ. ޑައިރެކްޓިވްގައި އޮތް ގޮތުން ނަމަ ބޮޑުވި ޑިއުޓީގެ ފައިސާ ސީޖީޓީއަށް އަނބުރާ ދޭން ޖެހޭ ކަމަށް ކޯޓުގައި ދައުލަތުން އިއުތިރާފުވި އެވެ.

މި މައްސަލަ ސިވިލް ކޯޓުގައި ނިންމި އިރު، ސީޖީޓީގެ ވަކީލުން ވެސް ވަނީ ބަދަލުކޮށްފަ އެވެ. މައްސަލަ ނިންމިއިރު ކޯޓުގައި އެ ކުންފުނި ތަމްސީލްކުރީ މިހާރުގެ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ ހިއްސާ ކުރިން އޮތް ހިސާން ހުސެއިންގެ ލޯފާމުންނެވެ.

ސީޖީޓީގެ ޑިއުޓީގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބަންޑާރަ ނައިބު އަނިލްގެ ސްޓޭންޑު ކުއްލި ގޮތަކަށް މި ސަރުކާރުގެ ބަންޑާރަ ނައިބު ރިފްއަތު ބަދަލުކުރުމުން، ކަސްޓަމްސްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލު ވެސް ފަހުން ވަނީ ހިތްހަމަޖެހި ވަޑައިނުގެން މައްސަލައިން ތަނާޒުލް ވެފައި ކަމަށް އެނގިފައިވެ އެވެ. އަދި އެ މައްސަލަ ކަސްޓަމްސްގެ ސަމާލުކަމަށް ގެންނަވައި، ހިތްހަމަނުޖެހުމުގެ ސިޓީއެއް ވެސް ބަންޑާރަ ނައިބަށް ފޮނުއްވި ކަމަށް ވެ އެވެ.

ސީޖީޓީން މާޗް 2017 ގައި ރާއްޖެ އަށް ސިނގިރޭޓް ޝިޕްމެންޓް ގެނައިއިރު ބޮޑުކުރި ޑިއުޓީ އަށް އަމަލުކުރާކަށް ނުފަށަ އެވެ. ނަމަވެސް އެ ހަ ކޮއިންޓެއިނަރު ސިނގިރޭޓަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްގައި ކޮންސައިން ކުރުމަށް ގެނައި މުދާ ކަމަށް ވުމުން، އެ މުދާ ނެރުނީ އާންމު އުސޫލުގެ މަތިން ބޮޑުކުރި ޑިއުޓީ ދެއްކުމުންނެވެ. އެކަމަކު އޭގެ ކުރިން ފެބްރުއަރީ 17، 2017 ގައި ސީޖީޓީން އޮތީ އެ ހަ ކޮންޓެއިނަރަށް ކުޑަ ޑިއުޓީ އަށް ވާ ފައިސާ ދައްކައިފަ އެވެ.

އެ ޝިޕްމެންޓަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސްގައި އެ ވަގުތު ބަހައްޓާ ގޮތަށް ގެނައި މުދަލެއް ކަމަށް ވުމުން، ސިނގިރޭޓް ޝިޕްމެންޓް ސީޖީޓީން ނެރުނުއިރު އޮތީ ބޮޑުކުރި ޑިއުޓީ އަށް އަމަލުކުރަން ފަށައިފަ އެވެ. އެހެންވެ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ ސިނގިރޭޓް ޝިޕްމެންޓަށް ކަސްޓަމްސް އިން އެޕްލައި ކުރީ ބޮޑު ޑިއުޓީ އެވެ.

ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދު، ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދަލެއް ނެރޭއިރު ނަގަނީ އެ ވަގުތަކު އެ މުދަލަކަށް ކަނޑައަޅާފައިވާ ޑިއުޓީ އެވެ. ބޮންޑެޑް ވެއާ ހައުސް އަށް ވައްދާއިރު ކަނޑައަޅާފައިވާ ޑިއުޓީއެއް އެ މުދަލަކަށް ނުނަގަ އެވެ.

އާ ސަރުކާރު ވެރިކަމާ ހަވާލުވެ، ސީޖީޓީގެ ޑިއުޓީގެ މައްސަލައިގައި ކުރީގެ ސަރުކާރުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ސްޓޭންޑު ކުއްލި ގޮތަކަށް މި ސަރުކާރުގެ ބަންޑާރަ ނައިބު ރިފްއަތު ބަދަލުކުރުމުން، ކަސްޓަމްސްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލު ވެސް ފަހުން ވަނީ ހިތްހަމަޖެހި ވަޑައިނުގެން މައްސަލައިން ތަނާޒުލް ވެފައި ކަމަށް އެނގިފައިވެ އެވެ. ކަސްޓަމްސް އިން އަނބުރާ 22 މިލިއަން ރުފިޔާ ސީޖީޓީ އަށް ދައްކަން ނުޖެހޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ގެންގުޅުއްވި ސްޓޭންޑް މިހާރުގެ ބަންޑާރަ ނައިބު ރިފްއަތު ބަދަލު ކުރެއްވުމުން އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަސްޓަމްސްގެ ވަކީލު ސިޓީއެއް ފޮނުއްވި ކަމަށް ވެސް ވެ އެވެ.

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ އަށް 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އެ މައްސަލަ ބަލައި ނިމެންދެން މައުސޫމް ގޭގައި މަޑުކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ސީޖީޓީގައި މައުސޫމްގެ އިތުރުން ހިއްސާ އޮންނަނީ، އަބްދުﷲ ރާފިއު، މއ. ޝޭޑީ ކެބިން އާއި އުމަރު ޖަމާލް، މއ. ތިނަދޫ އާއި އަހްމަދު ޒާހިރު، މާހީ، ސ. ހިތަދޫ، އެވެ.