ޝަހީދުގެ މަގާމުގެ މުއްދަތު އިތުރުކޮށްފި

ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދުގެ މަގާމުގެ މުއްދަތު 2022 އާ ހަމައަށް އދ. އިން އިތުރުކޮށްދީފި އެވެ.


އދ. ގެ ރެޕަޓުއާކަން 2016 އިން ފެށިގެން ކުރައްވާ ކުރީގެ ފޮރިން މިނިސްޓަރު ޝަހީދުގެ މަގާމުގެ މުއްދަތު އިތުރުކޮށްދިން ކަން ޓުވީޓަކުން އޭނާ ވަނީ އިއުލާން ކުރައްވައިފަ އެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އޭނާ އަށް މަރުހަބާ ދަންނަވަމުންނެވެ.

މަގާމުގެ މުއްދަތު އިތުރުކޮށްދިންކަން ޝަހީދު އިއުލާން ކުރެއްވުން--

ޝަހީދުގެ މަސައްކަތްތަކުގެ ތެރޭގައި ދީނީ ހައްގުތައް ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިމާޔަތްކުރެވިފައިވާ މިންވަރު ވަޒަންކޮށް ހައްގުތައް ހިމާޔަތް ކުރަން މަސައްކަތް ކުރެއްވުން ހިމެނެ އެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ޝަހީދު ހުންނެވީ އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓްކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ޝަހީދުގެ ބައެއް ނިންމެވުންތަކާއި ވާހަކަފުޅުތަކާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އޭނާ އަށް ބަހުގެ ހަމަލާތައް ދޭތެރެ ދޭތެރެއިން އަމާޒުވެ އެވެ.