ހޯމް މިނިސްޓަރު އަތުން ނެގި ބާރުތައް އިއާދަކޮށްދޭން ރައީސް ނިންމަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ބާރުތަކެއް ހަނިކޮށް ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވާތީ އެކަންކަން އަލުން ހޯމް މިނިސްޓަރަށް އިއާދަކޮށް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.


ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ށ. ކޮމަންޑޫ ދާއިރާ އަށް ވާދަކުރައްވާ، އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ރައީސް ވިދާޅުވީ ގާނޫނީ ގޮތުން ހޯމް މިނިސްޓަރަށް ލިބޭ ބާރުތަކެއް ޔާމީންގެ ސަރުކާރުގައި ހިފަހައްޓާފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ބާރުތައް ހޯމް މިނިސްޓަރަށް ހަވާލުކުރެއްވުމަށް ސޮއިކުރައްވަން ޖެހޭ ލިޔެކިޔުންތަކުގައި ސޮއިކުރައްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބާރުތައް ހޯމް މިނިސްޓަރަށް ދޫކުރައްވާނީ ފެށޭ ހަފްތާގެ ތެރޭގަ އެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރަކީ، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އެވެ.

"ފުލުހުންގެ ގާނޫނުގައި އެ ވާ ހޯމް މިނިސްޓަރަށް ލިބިދޭ ބާރުތައް ހޯމް މިނިސްޓަރަށް ލިބި އޭރު ނަގާފައި އޮތް ހުރިހާ ބާރުތަކެއް އަޅުގަނޑު ވާނީ މިހާރު ދޫކޮށްލާފައި،'' ރައީސް ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރަކަށް ހުންނަވަނިކޮށް، އުމަރު ނަސީރުގެ އަތުން އެ ބާރުތައް ޔާމީން ނެންގެވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްސަލަތަކެއް ބެލުމަށް އުމަރު، ފުލުހުންނަށް އެންގެވުމުންނެވެ. އަދި މާލޭގެ ބައެއް ގްރޫޕްތައް އެއްވެ އުޅޭ ތަންތަން ރޫޅާލުން ފަދަ ކަންކަން ފެށުމުން އެކަމާ ވެސް ޔާމީން ހިތްހަމަޖެހިވަޑައެއްނުގަތެވެ.

ފުލުހުންގެ ގާނޫނުގައި އޭރު ހިފެހެއްޓި އެއް މާއްދާއަކީ ވަކިވަކި ފުލުހުންނަށާއި ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންގެ މައްޗަށް ސީދާ ހޯމް މިނިސްޓަރަށް އަމުރު ކުރެވޭ ގޮތަށް އޮތް އޮތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ވަރަށް ގިނަ ކަންކަން އިސްލާހު ކުރެއްވުމަށެވެ. ގިނަ ބައެއްގެ ބުރަ މަސައްކަތުން ވެރިކަމަށް ވަޑައިގެންނެވުނު އިރު، ގާނޫނުތަކަށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.