އަންނަ މަހު ބާއްވާ އާންމު އިންތިޚާބު ކޮމަންވެލްތާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހިމެނޭ ގޮތަށް 36 ފަރާތަކުން އޮބްޒާވް ކުރާނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ހަތަރު ގައުމަކާއި ނުވަ ޖަމިއްޔާއަކުން އިންތިޚާބު އޮބްޒާވް ކުރާނެ ކަމަށެވެ. އިންތިޚާބު އޮބްޒާވް ކުރާ ގައުމުތަކަކީ ޖޯޑަން އާއި ޖަޕާނާއި ފިލިޕީންސް އާއި ޖޯޖިއާ ކަމަށް އީސީން ބުންޏެވެ.
"މީގެތެރެއިން ފިލިޕީންސްއަކީ އެންމެ ވަރުގަދަ އިންތިޚާބީ ނިޒާމު އޮންނަ ގައުމު،" އަކްރަމް ވިދާޅުވި އެވެ.
މި އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތުން ނިންމި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ ވަނީ އެ ޖަމާއަތުން ވަކިވެފަ އެވެ. އެއީ 2016 ވަނަ އަހަރު އެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރާއްޖެ އިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅައިފަ އެވެ. ނަމަވެސް، މިހާތަނަށް އައިއިރު، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައެއް ނުވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ކޮމަންވެލްތުން ބައިވެރިއެއް ނުވެ އެވެ. އެކަމަކު، ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ބައެއް ޕާލިމެންޓޭރިއަނުންނާއި ކައުންސިލް މެންބަރުން މިދިޔަ ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން ރާއްޖޭގައި ހަރަކާތްތެރިވި އެވެ.
މިދިޔަ ރިޔާސީ އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި 51 ފަރާތަކުން ބައިވެރިވި އެވެ.