މި އިންތިޚާބަކީ ޑިމޮކްރަސީ ވަރުގަދަ ކުރަން ލިބޭ ފުރުސަތެއް: ކޮމަންވެލްތު

މިއަދު ކުރިއަށް ގެންދާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ ޑިމޮކްރަސީ ވަރުގަދަ ކުރަން ރާއްޖޭގެ ރައްޔިތުންނަށް ލިބޭ ފުރުސަތެއް ކަމަށް ކޮމަންވެލްތުން މިއަދު ބުނެފި އެވެ.


އާންމު އިންތިޚާބު އޮބްޒާވް ކުރަން ހަރަކާތްތެރިވާ ބޭރުގެ އެއް ޖަމިއްޔާއަކީ ކޮމަންވެލްތެވެ. އެގޮތުން މާލޭގައި ގާއިމުކޮށްފައިވާ އިންތިޚާބީ މަރުކަޒުތައް އޮބްޒާވް ކުރުމުގެ މަސައްކަތް ލީޑް ކުރައްވަނީ ޖަމައިކާގެ ކުރީގެ ބޮޑުވަޒީރު ބްރޫސް ގޯލްޑިން އެވެ. ގޯލްޑިންއާ އެކު، އެ ޖަމާއަތުގެ އަށް ބޭފުޅަކު ރާއްޖޭގައި ހަރަކާތްތެރިވެ އެވެ.

ގޯލްޑިން ވިދާޅުވީ މަޖިލިސް އިންތިޚާބަކީ އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ތައްޔާރަށް ތިއްބެވި ލީޑަރުންނަށް ވެސް ލިބޭ ފުރުސަތެއް ކަމަށެވެ. އިންތިޚާބުގައި ފާހަގަވި ކަންކަން ރިޕޯޓެއްގެ ގޮތުގައި ތައްޔާރު ކުރުމަށް ފަހު، ފަހުން އާންމު ކުރާނެ ކަމަށް ވެސް ކޮމަންވެލްތުން ވަނީ ބުނެފަ އެވެ.

ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުގެ ވާދަވެރިކަން ބޮޑު މި އިންތިޚާބުގައި 75 ޕަސަންޓު މީހުން ވަނީ ވޯޓުލައިފަ އެވެ. އެއީ، 200،464 މީހުންގެ ވޯޓެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

މި އިންތިޚާބުގައި 87 ދާއިރާ އަށް 264،442 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާއި އިދިކޮޅު ޕާޓީތަކުގެ ވާދަވެރިކަން ބޮޑު މި އިންތިޚާބުގައި ވޯޓުލުން ބަންދު ކުރުމުގެ ގަޑި ހައެއް ޖެހުމާ ހަމައަށް އިތުރު ކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލުން ކުރިއަށް ދާއިރު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އާންމު ހާލަތު ރަނގަޅެވެ. އެކަމަކު، ބައެއް ޝަކުވާތައް އިލެކްޝަންސް ކޮމިޝަނާ ހަމައަށް ވަނީ އައިސްފަ އެވެ.

ކޮމަންވެލްތުން އިންތިޚާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ރާއްޖެ ވަނީ އެ ޖަމާއަތުން ވަކިވެފަ އެވެ. އެއީ 2016 ވަނަ އަހަރު އެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު، ރާއްޖެ އިން އަލުން ކޮމަންވެލްތުގައި ބައިވެރިވުމަށް މިހާރު ވަނީ ރަސްމީކޮށް ހުށަހަޅައިފަ އެވެ. ނަމަވެސް، މިހާތަނަށް އައިއިރު، ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ރާއްޖެ ވެފައެއް ނުވެ އެވެ.

ރާއްޖެ ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖުލައި 9، 1982 ގަ އެވެ. އެ ޖަމާއަތުން ވަކިވީ އޮކްޓޫބަރު 13، 2016 ގަ އެވެ. ކޮމަންވެލްތުން ރާއްޖެ އަށް އެކި ދާއިރާތަކުން ގިނަ އެހީތަކެއް ފޯރުކޮށްދީފައިވެ އެވެ.