މަހުލޫފްގެ މެސެޖް: "ހިތްވަރުގަދަކުރޭ، ވެއްޓެނީ"!

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ކުރާ މަސައްކަތުގައި ވަރަށް އަވަހަށް ކާމިޔާބީ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުން ހިތްވަރުގަދަކުރުމަށް، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް އިއްޔެ އެދިވަޑައިގެންފި އެވެ.


އޭނާ އެހެން ވިދާޅުވީ އާއިލީ ބައްދަލުވުމަށް އަނބިކަނބަލުން ނަޒްރާ ނަސީމް މާފުށީ ޖަލަށް ވަޑައިގަތުމުން އޭނާ މެދުވެރިކުރައްވައި އާއްމުންނާ ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

އަތުލިއުމުން ލިއުއްވާފައިވާ އެ މެސެޖުގައި މަހުލޫފް ވިދާޅުވީ "އަޅުގަނޑު ވެސް ޖަލުގައި މި އޮތީ ތިޔަބޭފުޅުންނާ އެކު، ބެލްޓު އަޅައި ބާރުކޮށްގެން" ކަމަށެވެ. އަދި ވަރަށް އަވަހަށް ޖަލުން ސަލާމަތްވެ ރައްޔިތުންގެ ގާތަށް ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ވަރަށް އަވަހަށް ސަރުކާރު ބަދަލު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއިރު، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރު ވައްޓާލަން ރާވާފައިވާ ކަމަށް ބީބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި ސަރުކާރު ބަދަލުކޮށް އިންތިގާލީ ސަރުކާރެއް ގާއިމްކޮށް އިންސާފުވެރި އިންތިހާބަކަށް މަގުފަހިކުރަން އިދިކޮޅު އިއްތިހާދުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނުކަން ވެސް ކުރައްވާ މަހުލޫފް 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލައިގައި ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް އިއްވިއިރު ދެވަނަ މައްސަލައިގައި ކުރީ ހަ މަހުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ އާއިލާ އިން އދ.ގެ ވޯކިން ގްރޫޕަށް ހުށަހެޅިއިރު މަހުލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ އޮތީ ހައި ކޯޓުގެ އިސްތިއުނާފް މަރުހަލާގަ އެވެ. އެކަމަކު އަޑުއެހުންތަކެއް އަދި ނުފަށަ އެވެ.