އިންތިގާލީ ކެންޑިޑޭޓަކަށް ނެރޭނީ މާ ސިޔާސީ ބޭފުޅެއްނޫން: މަހުލޫފް

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އިދިކޮޅު ޕާޓީތަކުން ނެރޭ އިންތިގާލީ ކެންޑިޑޭޓަކީ ސިޔާސީ ކަންކަމުގައި މާ ބޮޑަށް ނޫޅުއްވާ އެކަމަކު ހުރިހާ ޕާޓީތަކަށް ވެސް ގަބޫލު ކުރެވޭ ބޭފުޅަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.


މިހާރު ސްރީލަންކާގައި ހުންނެވި މަހުލޫފް، ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރެން މަޝްވަރާ ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުވަތަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ފުރުސަތު ދެއްވުމަށް ނޫން ކަމަށެވެ. އެކަމަކު އިދިކޮޅު ހަތަރު ޕާޓީގެ ލީޑަރުންނާއި މެމްބަރުންނަށް ގަބޫލު ކުރެވޭ، އަދުލުވެރިކަމާ އެކު މަސައްކަތްކުރާ އަދި ގައުމަށް ބަލައިގަނެވޭނެ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅަކު ހޮއްވެވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވި ގޮތުގައި އެ ކެންޑިޑޭޓަކީ ސިޔާސީ ކަންކަމުގައި މާބޮޑަށް ފާޅުގައި އުޅުއްވާ ނުވަތަ "ސިޔާސީ ޕޯޑިއަމްތަކުގައި ހަޅޭއްލަވާ" ބޭފުޅަކަށް ވާކަށް ނުޖެހެ އެވެ.

އޭނާ ވިދާޅުވީ އިންތިގާލީ ސަރުކާރަކުން އެންމެ ފުރަތަމަ މަސައްކަތް ކުރާނީ އަދުލުވެރި ފަނޑިޔާރުގެއެއް ގާއިމުކޮށް، ގައުމުގެ ކަންކަން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސް، ކޮމިޝަންތައް މިނިވަން ކުރުމަށް ކަމަށެވެ. އަދި ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި، އެކަންކަން ރަނގަޅު ކުރުމަށް ފަހު ހުރިހާ ޕާޓީތަކާއެކު އަނެއްކާ ވެސް ވާދަވެރި އިންތިހާބަކަށް ދާނެ ކަމަށް ވިދާޅުވި އެވެ.

"އެ އިންތިހާބުގައި ނަޝީދާއި ގާސިމަށް ވެސް ވާދަކުރެއްވޭނެ. އަދި ފާރިސް އާއި ކާނަލް ނާޒިމް ވެސް ވާދަކުރައްވަން ބޭނުމިއްޔާ އެ ފުރުސަތު އޮންނާނެ،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއް ނެރެން ހުރިހާ ޕާޓީތަކުން ބޭނުން ނުވެއްޖެ ނަމަ، ވަކިން ކެންޑިޑޭޓެއް ނެރުމުގެ ފުރުސަތު ޕާޓީތަކަށް އޮންނާނެ ކަމަށާއި އެކަމަކު ދެ ވަނަ ބުރެއްގައި ހުރިހާ ޕާޓީތައް އޮންނާނީ އެކުގައި ކަމަށެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އިންތިގާލީ ރައީސެއް ހޮވަން ޖެހޭނެ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ ރައީސް ނަޝީދެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންތިޚާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެންވެ، 2018ގައި ހޮވަން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އިންތިގާލީ ރައީސެއް ކަމަށް އެ މަނިކުފާނަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އިންތިގާލީ ކެންޑިޑޭޓަކު ނެރޭނީ އިދިކޮޅު ކޯލިޝަނުން ގުޅިގެން ނެރޭ ލިސްޓަކުންނެވެ. އެކަން އެގޮތަށް ކުރަން ޖެހެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިދިކޮޅު އެއްވެސް ޕާޓީއަކަށް 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް "ސައިންޓިފިކް ޔަގީންކަމެއް" ނެތުމުންނެވެ.

މަހުލޫފް މިރޭ ވިދާޅުވީ ސިޔާސީ ހިތި ތަޖުރިބާތައް އެ ބޭފުޅުން ވޭތުވެ ދިޔަ އަހަރުތަކުގައި ކުރައްވައިފި ކަމަށާއި "އެކި ގޮތްގޮތުން ބޯން ޖެހޭ ބޮނޑިތައް ބޮއިފި" ކަމަށެވެ. އެހެންވެ، އެކަންކަން ރަނގަޅު ކުރުމަށް އިންތިގާލީ ސަރުކާރެއް ވަރަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުންނާ ނުލައި އަދި މިނިވަންކަމެއް ނެތް އިލެކްޝަންސް ކޮމިޝަނަކުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އުނދަގޫވާނެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ހުރިހާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެފި ނަމަ، ކުރިމަތިވާ ގޮންޖެހުންތައް ފޫއަޅުވާލަން ފަސޭހަވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އިންތިގާލީ ސަރުކާރަކަށް ބޭނުންވި ނަމަވެސް ރައްޔިތުން އެގޮތް ބޭނުން ނުވާ ކަމަށް، ވެރިކަން ކުރާ ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މިކަމަށް ރައްދު ދެއްވައި މަހުލޫފް ވިދާޅުވީ އިންތިގާލީ ކެންޑިޑޭޓެއް ހޮވުމާ މެދު މަޝްވަރާ ކުރަން ނިންމުމަކީ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވާލި މިސައިލެއް ކަމަށާއި އެ މަނިކުފާނު އެކަމަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރައްވާ ކަމަށެވެ. އަދި އެ ކެންޑިޑޭޓު ރައްޔިތުންގެ ބޮޑު ޕަސެންޓަކާއެކު ހޮވޭނެތީ، ރައީސް ޔާމީން ޖެހިލުންވެ ވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.