ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް

ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ޗައިނާއާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކާ ނަމަ، އޭގެ ނަތީޖާ ހިތި ވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ރޭ ވިދާޅުވެއްޖެ އެވެ.


ޝިޔާމްގެ މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ވަފުދަކާ އެކު އިންޑިއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ "ލޮކް ސަބާ ޓީވީ" ގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވުމާ ގުޅިގެންނެވެ. އަދި އެ ވާހަކަތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ސަފީރު ޒޭންގް ލިޒޯންގް ވަނީ ނަޝީދަށް ރައްދު ދެއްވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ގިނައީ ޗައިނާގެ އިންވެސްޓްމަންޓުތައް ކަމަށެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓް އައުމުން، ދިވެހި ވިޔަފާރިވެރިންނަށް ވީ ފައިދާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އިގްތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބެނީ ވެސް ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުންގެ ސަބަބުންނެވެ.

"މިއަދު ގައުމުގެ އެންމެ މަތީ އިސްވެރިން އަރާ ޗައިނާއާ ބޭޝް ކުރީމަ، އޭގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ހިތިވާނެ. ދިވެހި އާއިލާތައް ނިކަމެތިވާނެ. މިއަދު ޗައިނާ މާކެޓު ހުއްޓާލައިފި ނަމަ، ނިކަމެތި ވާނީ ދިވެހި އާއިލާތައް،" ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވި އެވެ.

ޗައިނާ ސަރުކާރުން ރާއްޖޭގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައިފި ނަމަ، އެކަމުގެ ހިތި ނަތީޖާ ވެސް ލިބޭނީ ދިވެހިންނަށް ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"އޭގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން. ނިކަމެތިވާނީ ދިވެހިން،" ޝިޔާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ ރައްޔިތުންނަށް ހެޔޮ އެދިގެން އުފެދިފައި އޮތް ސަރުކާރެއް ނޫނެވެ. ސަރުކާރުގެ ވެރިންނަށް ތިއްބެވީ 400 މިލިއަނެއްހާ ޑޮލަރަށް ގައުމު ވިއްކާލާފައި ފިލައިގެންދާ ފަދަ ބައެއް ކަމަށާއި އެބޭފުޅުން ބޭނުން ވަނީ ރާއްޖެ އަޅުވެތިކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައްލަވާ ތި ބޭފުޅުން ވަކިވަކިން މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުން، އެ ބޭފުޅުންގެ އަތުގައި އޮންނާނެ ޑްވަލް ސިޓިޒަންޝިޕް. އެހެން ގައުމެއްގެ ޕާސްޕޯޓް އެއިން ކޮންމެ ބޭފުޅަކު އަތުގައި އޮންނާނެ. އެހެންވީމާ ލާރިކޮޅަކަށް ގައުމު ވިއްކާލާފައި ގޮސް އެބޭފުޅުން ވަޒަންވެރި ވާން ބޭނުންވާ ތަނެއްގައި އެ ބޭފުޅުންނަށް ވަޒަންވެރި ވެވޭނެ،" ޝިޔާމް ވިދާޅުވި އެވެ.

"ލޮކް ސަބާ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު އޮތް ގުޅުން ބަދަހި ނުވެ ރާއްޖެ ވެއްޓުނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ކަމަށެވެ. ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކުރިއަށް ނުގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅަކު އަނެއްކާ ވެސް، ނާޒުކު އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަވާފައިވާ ކަމަށެވެ. ސަފީރު ވިދާޅުވީ ދަންތުރައެއްގެ ބަދަލުގައި ޗައިނާ އަކީ އެކި ކަންކަމުގައި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.