ރާއްޖެއަކީ ވަގު ގައުމެއް ނޫންކަން ދައްކަން ޖެހޭ: ނަޝީދު

ރާއްޖެއަކީ "ވަގު" ގައުމެއް ނޫން ކަން ދުނިޔެ އަށް ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.


އައްޑޫ، ހިތަދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަކީ ކަޅު ފައިސާ ގެންގުޅުމަށާއި މަނީލޯންޑްރިން ފަދަ ދުނިޔޭގައި ހިންގާ ފާހިޝް ކަންކަން ކުރާ ބޮޑު "މަރުކަޒަކަށް" އަދި "ހާއްޔަކަށް" ވެފައިވާ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުން ވެރިކަމާ ހަވާލުވެ، ރާއްޖެ ސާފުކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ދުނިޔެ އަށް އެބަ ދައްކަން ޖެހޭ މިއީ ރަނގަޅު، ހިނގާ ރީތި ގައުމެއްކަން. މި ދަންނަވާ ވަގު ގައުމެއް ނޫން ކަން. އަޅުގަނޑުމެން އަހަން ނުބައި ސްޓޭޓްގެ ވާހަކަ، އެގޮތަށް ވީއްލިފައި އޮންނަ ގައުމެއް ނޫންކަން. (ދުނިޔެ އަށް ދައްކަން ޖެހޭ)،" ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ މިހާތަނަށް އެންމެ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގި ސަރުކާރެވެ. އެގޮތުން، މި ސަރުކާރުގެ އިސް ވެރިން ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހިންގަވާ ކަމަށް ވިދާޅުވެ، ސަރުކާރަށް ނުރުހުން އަބަދުވެސް އަމާޒުވެ އެވެ.

ހަރުދަނާ އުސޫލުތަކާއި ޑިމޮކްރެޓިކް ނިޒާމެއްގައި ހިނގާ ގައުމެއްގެ ގޮތުގައި ގައުމު ފާހަގަވާން ފެށީމަ، ރާއްޖެ އަށް ބޭރުގެ މާލީ އެހީތެރިކަން އިތުރަށް ލިބޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިންވެސްޓްމަންޓުތައް އަންނާނެ، އައްޑު އަށް ވެސް (އިންވެސްޓްމަންޓް) އަންނާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ވެސް ވިދާޅުވީ ރާއްޖެ އަށް ބޭނުންވާ ތަރައްގީ ގެނައުމަށްޓަކައި އެމްޑީޕީ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންވާ ކަމަށެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، މަޖިލީހުގައި "ދުވާލަކު އެއް ފަހަރު، ވަޒީރުން ވަކިކުރާ ތަން ފެނިގެންދާނެ" ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އަޣުލަބިއްޔަތު ނެތި ސަރުކާރު ހިންގަން ވަރަށް އުނދަގޫވާނެ އެވެ. އަދި މަޖިލީހަށް "ސިފައިން ވައްދައިގެން" ސަރުކާރު ހިންގަން ބޭނުންފުޅު ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ، ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި މަޖިލީހުގެ ޖަލްސާތަކުގައި އިދިކޮޅު ފަރާތްތައް އިހުތިޖާޖް ކުރުމުން އެކަން ހުއްޓުވުމަށް މަޖިލީހުގެ މާލަމުގައި ސިފައިން ބައިތިއްބައިގެން ޖަލްސާތައް ބާއްވާފައިވާތީ އެކަމަށެވެ. ވެރިކަން ކުރާ ޕީޕީއެމުން އެދިގެން، މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން މަޖިލީހަށް ވަނަނުދީ ސިފައިންނާފައި ފުލުހުން ހުރަސްއެޅި ނަމަވެސް، މިދިޔަ މަހު ވަނީ އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.

ނަޝީދު އައްޑު އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި، އެ މަނިކުފާނު ވަނީ އައްޑު ސިޓީ ކައުންސިލްގެ މެމްބަރުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ފަހުން، އެ މަނިކުފާނު ވަނީ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ހަދަމުން އަންނަ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވައިފަ އެވެ.

ޖެނުއަރީ 2016 އިން ފެށިގެން އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެން މާލެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އައްޑު އަށް ނަޝީދު އިއްޔެ ވަޑައިގަތުމުން، އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.