ހިޔަލީ ރަޝީދު އެމްޑީޕީއާ ގުޅިވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ރަޝީދު (ހިޔަލީ) އިދިކޮޅު އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އައްޑު އަތޮޅުގެ ގޮނޑި ހަތަރު ދައުރު ފުރުއްވި ހިޔަލީ ރަޝީދު އެމްޑީޕީ އަށް ސޮއިކުރެއްވި ފޯމު، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ހަވާލު ކުރެއްވީ ސ. ހިތަދޫގައި ހުންނަ ސުވަދީވް ކެފޭގައި މިއަދު މެންދުރު ބޭއްވި ފަރިއްކޮޅަކަށް ފަހު އެވެ. މި ފަރިއްކޮޅުގައި އެމްޑީޕީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުންނާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ހިޔަލީ ރަޝީދު އެމްޑީޕީ އަށް ސޮއިކުރެއްވި އިރު، ނަޝީދު އައްޑު އަށް ފެއްޓެވި ތިން ދުވަހުގެ ދަތުރުފުޅާ ދިމާކޮށް، ހިތަދޫގައި ހުންނަ އޭނާގެ ގޭގައި ވަނީ ނަޝީދުގެ އޮފީހެއް ހުޅުވައިފަ އެވެ. އެ އޮފީހުގެ މައިގަނޑު ބޭނުމަކީ ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމެވެ.

ރައީސް ޔާމީނާއި ޕީޕީއެމް ދޫކުރައްވައި ހިޔަލީ ރަޝީދު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނަޝީދު އަދި އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރައްވަން ފެއްޓެވީ މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގަ އެވެ.

ހިޔަލީ ރަޝީދަކީ ރައީސް ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ވުޖޫދަށް ގެނައުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިހާރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ރެޖިސްޓްރާ އަކަށެވެ.

އަޑު ފެތުރިފައިވާ ގޮތުގައި، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާއަށް ނުކުންނަވަން މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ހިޔަލީގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަހުމަދު ރަޝީދު (ޗެކްމާކް) އެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދެވަނީ، އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އެވެ.

ނަޝީދުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗެކްމާކް އަހުމަދު ރަޝީދާއި ދީދީ ވެސް ބައިވެރިވެވަޑައިގަތެވެ. އެނގިފައިވާ ގޮތުގައި، އެ އޮފީސް ގާއިމް ކުރުމުގައި އިސްކޮށް ހުންނެވީ ވެސް ހިޔަލީގެ ކޮއްކޮ އެވެ.

އިދިކޮޅު ޕާޓީތަކުގެ ކެމްޕޭން ނިންމަން ސ. ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ހިޔަލީ ވިދާޅުވީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ އިދިކޮޅު ލީޑަރުން މިނިވަންކުރަން ކަމަށެވެ. އަދި، ރައީސް ޔާމީންގެ ސަރުކާރުގައި އޭނާ އަށް އެއްވެސް ފައިދާއެއް ނުވާ ކަމަށް ވިދާޅުވެ، ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ.

ރައީސް ޔާމީނާ، ހިޔަލީ ދުރަށް ވަޑައިގެންނެވިއިރު، 2013 ގައި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރައްވައި މާލީ ގޮތުން ވެސް އެހީ ވެދެއްވި އެވެ. އެމަނިކުފާނާ އެކު ޕީއޭ އުފެއްދެވުމާއި ޑީއާރްޕީގައި ވެސް އިސްކޮށް ހިޔަލީ އުޅުއްވި އެވެ. އަދި ފަހުން ޕީޕީއެމް އުފެއްދުމުގައި ވެސް ހިޔަލީ އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ.

މި ސަރުކާރުގައި ހިޔަލީ ހުންނެވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝްއަރެންސްގެ ޗެއާމަންގެ މަގާމުގަ އެވެ.