އައްޑޫގައި ހުޅުވި، ނަޝީދުގެ އޮފީހުގެ ބޭނުމަކީ ތިމާވެއްޓާ ގުޅޭ މަސައްކަތްތައް ކުރުން

ތިމާވެއްޓާ ގުޅުން ހުރި މަސައްކަތްތައް ކުރުމަށްޓަކައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހެއް އައްޑޫ ހިތަދޫގައި މިއަދު ހުޅުވައިފި އެވެ.


މި އޮފީސް ގާއިމް ކޮށްފައި ވަނީ، ރައީސް އަބްދުﷲ ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި އަދި މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި މިހާރުގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ނަޝީދު އަދި އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރަން ނިންމެވި ހިޔަލީ މުހައްމަދު ރަޝީދުގެ ގޭގަ އެވެ.

ނަޝީދު، އައްޑު އަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަޝީދުގެ ރަސްމީ އޮފީސް ހުޅުއްވައި ދެއްވީ އެމަނިކުފާނެވެ. ހިތަދޫ މެދު ދާއިރާގައި ގާއިމް ކޮށްފައިވާ މި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެ ރަށުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި އެވެ.

ހިތަދޫގައި ހުންނަ ހިޔަލީގެ ގޭގައި ނަޝީދުގެ ރަސްމީ އޮފީސް ހުޅުވިއިރު، އޭނާ އަކީ ރައީސް ޔާމީން އެންމެ ފުރަތަމަ އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ވުޖޫދަށް ގެނައުމުގައި އިސްވެ ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ މިހާރު ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ރެޖިސްޓްރާ އަކަށެވެ.

ނަޝީދު މިއަދު ހިތަދޫގައި ދިރިއުޅޭ އާންމުންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

އަޑު ފެތުރިފައިވާ ގޮތުގައި، އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ހިތަދޫ މެދު ދާއިރާއަށް ނުކުންނަވަން މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ހިޔަލީގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަހުމަދު ރަޝީދު (ޗެކްމާކް) އެވެ. ހިތަދޫ މެދު ދާއިރާގެ ގޮނޑި މިހާރު ފުރުއްވަމުން ގެންދެވަނީ، އެމްއެންޑީއެފްގެ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް މުހައްމަދު ދީދީ އެވެ.

ނަޝީދުގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ޗެކްމާކް އަހުމަދު ރަޝީދާއި ދީދީ ވެސް ބައިވެރިވެވަޑައިގަތެވެ. އެނގިފައިވާ ގޮތުގައި، އެ އޮފީސް ހިތަދޫގައި ގާއިމް ކުރުމުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ވެސް ޗެކް މާކް އަހުމަދު ރަޝީދެވެ.

ހިތަދޫ އޮފީސް ހުޅުއްވައި ދެއްވުމަށް ފަހު، ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އޮފީހުގެ މައިގަނޑު މަސައްކަތަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ގައުމު ތަރައްގީ ކުރާނެ ގޮތް ހޯދުމެވެ. އަދި އެ އޮފީހުގެ އަމާޒަކީ "އިންޑިއާގެ ކަނޑުގެ މެދުގައި އެ މަސައްކަތް ހިންގުން" ކަމަށް ވިދާޅުވި އެވެ.

ބައެއް މިސާލުތައް ނަންގަވައި ނަޝީދު ވިދާޅުވި ގޮތުގައި ޑީސަލުން ކަރަންޓު އުފެއްދުމަށް ވުރެ، އަވީގެ ހަކަތައިން ކަރަންޓު އުފެއްދުން މާ އަގު ހެވެ. އަދި މި ބާވަތުގެ ހަކަތައިން އިންޖީނުތައް ހިންގައި ކަރަންޓުގެ ހަރަދު މާބޮޑަށް ކުޑަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު ހިތަދޫގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. --- ފޮޓޯ: އެމްޑީޕީ

"ދުނިޔެއަށް ލިބޭ ފައިދާ އާއި ތިމާވެއްޓަށްވާ ގެއްލުން މާ ކުޑަވޭ،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ނަޝީދު ވިދާޅުވީ އުމްރާނީ މަސައްކަތްތައް ހިންގުމުގައި މިހާރު ގެންގުޅޭ ޓެކްނޮލަޖީ ބާތިލް ވެފައިވާ ކަމަށެވެ. އެހެންވެ، އަމާޒަކީ ރަށްތައް ހިމާޔަތް ކުރަން އެހެން ޓެކްނޮލަޖީއެއް ބޭނުން ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި ޓެކްނޮލަޖީ ހޯދަން ޖެހޭ ކަން ވެސް ނަޝީދު ފާހަގަ ކުރެއްވި އެވެ.

"ދުނިޔެއަށް ގެއްލުން ކުޑަކޮށް، ތަރައްގީ ކުރެވޭނެ އިލްމެއް އަޅުގަނޑުމެންނަށް ހޯދައިދެވޭނެ. މިއަދު އެ ޓެކްނޮލަޖީ ދުނިޔޭގައި އެބަވޭ. އަޅުގަނޑުމެން މި އޮފީހުގައި ކުރާނީ އެ މަސައްކަތް،" ނަޝީދު ވިދާޅުވި އެވެ.

ތިން އަހަރެއްހާ ދުވަސް ވަންދެން ނަޝީދު ވެރިކަން ކުރެއްވި އިރު، ކުރީގެ ރައީސުންގެ އޮފީސް ހިންގެވުމުގެ ހަރަދު ދައުލަތުން ހަމަޖައްސައިދެ އެވެ. އެގޮތުން ނަޝީދުގެ އޮފީހެއް މާލޭގައި ވެސް ހިންގަވަ އެވެ. ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 87،000ރ. ދައުލަތުންދެ އެވެ.

ނަޝީދު އިއްޔެ އައްޑު އަށް ފެއްޓެވި ދަތުރުފުޅަކީ ޖަލު ހުކުމާ ގުޅިގެން ރާއްޖޭން ބޭރުގައި ތިން އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު މިމަހު އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގެން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.