ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެންނަން ކޯޓުން އަމުރު ނެރެފި

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް މިއަދު އަމުރުކޮށްފި އެވެ.


ލުތުފީ އަކީ ނޮވެމްބަރު ތިނެއްގައި ބޭރުގެ ބަޔަކާ އެކު ރާއްޖެ އަރައި ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ކުށެއް ނެތް އެތައް ބަޔަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށް މަރުގެ ހުކުމް އިއްވައި އެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށްފައި ހުރި މީހެކެވެ.

ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖޭން ބޭރަށް ދިޔަ ގޮތަށް ލުތުފީ މިހާތަނަށް ރާއްޖެ އައިސްފައެއް ނުވެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ އުޅެނީ ސްރީ ލަންކާގަ އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލުތުފީ ބޭސްފަރުވާ އަށް ކަމަށް ބުނެ ބޭރަށް ގޮސް ފިލައިގެން އުޅޭތީ ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ އަމުރު ކްރިމިނަލް ކޯޓުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.

މި އަމުރު ހޯދާފައިވަނީ ފުލުހުން ބުނި ގޮތުގައި 2011 ގައި ބޭސްފަރުވާ އަށް ކަމަށް ބުނެ ރާއްޖޭން ބޭރަށް ގޮސް، ހުކުމް ތަންފީޒު ކުރުމާ ދެކޮޅު ހަދައި އަމިއްލަ ކަންކަމުގައި ދުވަސްތައް ހޭދަކޮށް، ފިލައިގެން އުޅޭތީ ލުތުފީ ހައްޔަރުކޮށްގެން ހާޒިރުކޮށް ދިނުމަށް ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ ކިބައިން އެދުމުންނެވެ.

ލުތުފީ ފިލައިގެން ލަންކާގައި އުޅެމުން ދަނީ އޭނާގެ އަސްލު ނަން އޮޅުވާލައި، "ޒާން"ގެ ނަމުގައި ކަމަށާއި ލުތުފީ ހައްޔަރުކޮށްގެން ރާއްޖެ ގެނެވޭ ފަދަ މައުލޫމާތެއް ދޭ މީހަކަށް، ލައްކައަކަށް ވުރެ ގިނަ ރުފިޔާ ދޭނެ ކަމަށް ހޯމް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ލުތުފީ ބޭރަށް ފޮނުވާލީ ވަގު ލިޔުންތަކެއް ބޭނުންކޮށްގެން ކަމަށް ބުނާ މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

ލަންކާގެ ޕްލޮޓް ޖަމާއަތުގެ ބަޔަކާ ދިވެހިންގެ ބަޔަކު ގުޅިގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ ސިފައިންނެވެ.

ލުތުފީގެ އިތުރުން އެކިއެކި މައްސަލަތަކާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމާއި އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަކުރަމް ކަމާލުއްދީން ހައްޔަރުކުރަން ވެސް ކޯޓުން މިއަދު ވަނީ އަމުރު ނެރެފަ އެވެ.