އަންނަ މަހު ރިލީޒްކުރާ ފިލްމު "ބްލޭންކް" އިން ބޮލީވުޑަށް ތައާރަފުވާ އެކްޓަރު ކަރަން ކަޕާޑިއާގެ ފިލްމު "ބްލޭންކް" ގެ ޕްރޮމޯޝަނަލް ލަވައެއްގައި އޭނާގެ ޅިޔަނު އަކްޝޭ ކުމާރު ބައިވެރިވެއްޖެ އެވެ.
މި ލަވައިގެ ޝޫޓިން މިހާރު ނިންމާލާފައިވާ އިރު ލަވައިގެ ވީޑިއޯ އިން ކަރަންއާ އެކު އަކްޝޭ ފެންނާނެ އެވެ. ލަވައިގެ މިއުޒިކް ހަދާފައި ވަނީ އާކޯ އެވެ. މާ ލަސްތަކެއް ނުވެ ބެލުންތެރިންނަށް މި ލަވަ ދޫކޮށްލާނެ އެވެ. ލަވައިގެ ޝޫޓިން ތެރެއިން ނަގާފައިވާ ފޮޓޯއެއް މިހާރު ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ އޭގައި ފެންނަނީ އަކްޝޭ އާއި ކަރަން ހުދު ކުލައިގެ ކޮސްޓިއުމްތަކެއްގަ އެވެ.
ކަރަންއަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ ދެބެންގެ ދެދަރި ކޮއްކޮއެކެވެ. އޭނާގެ މަންމަ ސިމްޕަލް ކަޕާޑިއާއަކީ، ޓްވިންކަލްގެ މަންމަ ޑިމްޕަލް ކަޕާޑިއާގެ ކޮއްކޮ އެވެ.
ބެހެޒާދު ކަމްބާޓާ ޑައިރެކްޓްކޮށްފައިވާ "ބްލޭންކް" އިން ކަރަން ބޮލީވުޑަށް ނުކުންނަ އިރު، މި ފިލްމުގެ ރޯލަކުން ސަނީ ޑިއޯލް ވެސް ފެނިގެން ދާނެ އެވެ.
ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ.
މަދޫރީގެ ހިތްގައިމު ލަވައެއް
މި މަހުގެ 17 ގައި ރިލީޒް ކުރާ ފިލްމި "ކަލަންކް" ގައި ހިމެނޭ ލަވަތަކުގެ ތެރެއިން އަނެއްކާ ވެސް އިތުރު ލަވައެއް ދައްކާލައިފި އެވެ.
މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލި ލަވައަކީ މަދޫރީ ޑިކްސިޓްގެ ފަރި ނެށުންތަކެއް ފެނިގެންދާ "ތަބާ ހޯ ގަޔޭ" އެވެ. މި ލަވައިގެ ކޮރިއޮގްރަފީ ހަދާފައި ވަނީ މަދޫރީގެ އައިކޮނިކް ލަވަތަކުގެ ތެރޭގައި ހިމެނޭ "ތޭޒާބް" ގެ "އޭކް ދޯ ތީން" އާއި "ދޭވްދާސް" ގެ "ޑޯލަރޭ" ގެ އިތުރުން "މާރުޑާލާ" ފަދަ މަގުބޫލު ލަވަތަކުގެ ނެށުންތައް ތައްޔާރު ކުރި ސަރޯޖް ހާނެވެ.
ޕްރިތަމްގެ މިއުޒިކަށް ހަދާފައިވާ "ތަބާ ހޯ ގަޔޭ" ކިޔާފައި ވަނީ ޝްރެޔާ ގޯޝަލް އެވެ.
"ކަލަންކް" ގައި މަދޫރީ ފެނިގެން ދާނީ ސަންޖޭ ދަތު، އާލިއާ ބަޓް، ވަރުން ދަވަން، ސޮނާކްޝީ ސިންހާ އަދި އަދިތިޔާ ރޯއި ކަޕޫރާ އެކީގަ އެވެ.
"ސެޓާޒް" ގެ ޓީޒާ ދައްކާލައިފި
އަންނަ މަހު ރިލީޒް ކުރާ ތުރިލާ "ސެޓާޒް" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.
މި ފިލްމުގެ ތަރިންނަކީ އަފްތާބް ޝިވްދަސާނީ، ޝްރެޔަސް ތަލްޕަޅޭ، ސޮނާލީ ސޭގަލް އަދި އިޝިތާ ދައްތާ އެވެ. ފިލްމުގެ ޑައިރެކްޓްކޮށްފައި ވަނީ އަޝްވިނީ ޗައުދަރީ އެވެ.
"ސެޓާޒް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު އެވެ. ފިލްމުގެ ޓީޒާ ދައްކައިލުމަށް ފަހު، ޓްރެއިލާ ބެލުންތެރިންނަށް މިއަދު ދޫކޮށްލާނެ އެވެ.
ފާތިމާ އަށް އާ ޝަރަފެއް
އިންޑިއާގެ ޓާޓާ މޮޓޯސްގެ ފުރަތަމަ އަންހެން އެމްބެސެޑަރުކަން ބޮލީވުޑްގެ ޒުވާން ބަތަލާ ފާތިމާ ސަނާ ޝެއިހަށް ލިބިއްޖެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ތަގްސް އޮފް ހިންދުސްތާން" ގެ ބަތަލާވެގެން ގޮސްފައި ވަނީ ޓާޓާ މޮޓޯސްގެ އުފެއްދުމެއް އިޝްތިހާރުކޮށް ދޭން ސޮއި ކުރި ފުރަތަމަ އަންހެން ފަންނާށެވެ. މީގެ ކުރިން މުޅިން ވެސް ޓާޓާ މޮޓޯސްގެ އެމްބެސެޑަރުކަން ކޮށްފައި ވަނީ ފިރިހެން ފަންނާނުންނެވެ.
ފާތިމާ އަށް މި ލިބުނު ޝަރަފާ އެކު، ޓާޓާ މޮޓޯސްގެ އުފެއްދުންތައް އިޝްތިހާރު ކުރާނެ އެވެ. އެގޮތުން މިހާރު ވެސް ވަނީ އިޝްތިހާރެއް ދައްކާލައިފަ އެވެ. އޭގައި އޭނާ ފެންނަނީ ދާދި ފަހުން ރިލީޒް ކުރި "ގަލީ ބޯއި" އިން ތައާރަފުވި އެކްޓަރު ސިދާންތު ޗަތުރަވެދީއާ އެކީގަ އެވެ.
ފިލްމު "ޑަންގަލް" އިން ބޮލީވުޑަށް ނުކުތް ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ސެޕްޓެމްބަރު 6 ގައި ރިލީޒް ކުރާ އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމެވެ. އަދި އޭނާ ވަނީ ސައިފް އަލީ ހާނާއި އަލީ ފަޒަލްއާ އެކު "ބޫތު ޕޮލިސް" ކިޔާ ހޮރޯ ކޮމެޑީއަކަށް ވެސް ސޮއިކޮށްފަ އެވެ.