ހޯރަފުށީގައި އެއާޕޯޓު އަޅަން ބިން ހިއްކަން ފަށައިފި

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަން، އެ ރަށު ފަޅުތެރެއިން ބައެއް ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.


އެމްޓީސީސީގެ ކޮންނަ ބޯޓު، މަހާޖައްރާފު ބޭނުންކޮށްގެން މިހާރު ހިއްކަނީ އެ ރަށުގެ ހުޅަނގު ދެކުނު ފަރާތެވެ.

ހޯރަފުށީ ކައިރީގައި އެއާޕޯޓު އަޅަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބިން ހިއްކަން މީގެ ކުރިން ވެސް މަހާޖައްރާފަ އެ ރަށަށް ގެންދިޔަ އެވެ. އެކަމަކު އެކި މައްސަލަތައް ދިމާވެ މަސައްކަތް ކުރިއަށް ނުގެންދެވުނީ އެވެ. އޭރު މަސައްކަތްކުރީ ހޯރަފުއްޓާ އެއް ފަޅެއްގައި އޮންނަ މާފިނޮޅު ކައިރިން ހިއްކައި އެތަނުގައި އެއާޕޯޓް އަޅާށެވެ.

ހޯރަފުށީގައި އެއާޕޯޓު އެޅުމަށް އެ ރަށުގެ ފަޅުތެރެ މިއަދު ހިއްކަނީ

ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝާކިރު ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ބިން ހިއްކުމުގެ މަސައްކަތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ބިން ހިއްކާ ނިމުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާފިނޮޅުގައި އަޅަން އުޅުނު އެއާޕޯޓް ހޯރަފުއްޓަށް ބަދަލުކޮށް، އެއާޕޯޓު އެޅުމުގެ ރަސްމީ މަސައްކަތް މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޓަވާދެއްވާފަ އެވެ.

މާފިނޮޅުގެ ބަދަލުގައި ހޯރަފުށީގައި އެއާޕޯޓު އަޅަން ނިންމުމުން، އެ އަތޮޅުގެ ބައެއް ރަށްރަށުން ވަނީ ފާޑުކިޔާފަ އެވެ. އެ ރަށްރަށުގެ މީހުން ދެކޭ ގޮތުގައި މުޅި އަތޮޅުގެ ތަރައްގީ އަށް ބަލާއިރު އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދެއް ނޫނެވެ.

ހޯރަފުށީ ހުޅަނގު ފަރާތުގައި އެއާ ޕޯޓް އަޅާ ހިސާބަށް ވަންނާނެ ބަނދަރެއް ނެތް އިރު އެތަނުގައި އެއާޕޯޓު އަޅާނަމަ އެހެން ރަށްރަށުގެ މީހުން އެތަނަށް ދާން ޖެހޭނީ ހޯރަފުށީ އިރުމަތީ ފަރާތުގައި އޮންނަ ބަނދަރަށް ގޮސް ވެހިކަލެއްގައި ކަމަށް އެ މީހުން ބުނެ އެވެ.