މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ހިނގާލުމެއް ބާއްވަން ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.
ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ 1 އެވެ.
ޓީމުން ބުނީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އަންނަ ބުދަ ދުވަހު މާލޭގައި ބާއްވާ ހިނގާލުން ފަށާނީ ހަވީރު 4:30 ގައި ކަމަށެވެ.
"ޑީސެންޓް ވޯކް ފޯ އޯލް" ނުވަތަ ހުރިހާ މަސައްކަތްތެރިންނަށް ވެސް ރަނގަޅު ވަޒީފާގެ މާހައުލެއް ފޯރުކޮށްދޭން ގޮވާލައި ބާއްވާ ހިނގާލުން ފަށާނީ މާލޭގެ ރަސްފަންނުންނެވެ. މި ހިނގާލުމުގައި، މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރަ ދިނުމާއި ތަފާތު ނުކުރުމަށް ގޮވައިލާނެ އެވެ. މި ހިނގާލުން ނިމޭނީ އާޓިފިޝަލް ބީޗު ސަރަހައްދަށެވެ.
"އަޅުގަނޑުމެން މަސައްކަތްތެރިކަންގެ ޒިންމާއެއް އެއީ އެ ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން އަޑުއުފުލުން. އަޅުގަނޑު އުންމީދުކުރަން އެ ޒިންމާ އަދާކުރަން ހުރިހާ ފަރުދުން ނުކުންނާނެ ކަމަށް،" - ޓީމްގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް
ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު "މިހާރު" އަށް މިއަދު ވިދާޅުވީ ހިނގާލުމުގައި ގިނަ ދާއިރާތަކެއްގެ ޖަމިއްޔާތަކުން ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ޕޯޓް ވޯކާސް އެސޯސިއޭޝަނާއި މަސްވެރިންނާއި ސިއްހީ މަސައްކަތްތެރިން އަދި ޓީޗަރުން ތަމްސީލުކުރާ ޖަމިއްޔާތައް ވެސް ހިމެނެ އެވެ.
"ރާއްޖޭގެ މަސައްކަތްތެރިންގެ ވަރަށް ބޮޑު ބައެއް އަދާކުރޭ ބޭރު މަސައްކަތްތެރިން. އެ މީހުންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާތައް ވެސް ބައިވެރިވާނެ،" މައުރޫފު ވިދާޅުވި އެވެ.
މި ހިނގާލުމުގައި، ޓުއަރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާ ކުރާނީ ޓީމުންނެވެ. އެތަނުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ސަރުކާރުގެ މުވައްޒަފުންނާއި އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ދެމެދު ތަފާތުކުރުން ބޮޑުވުމެވެ.
"ގެދޮރުވެރިކަމުގެ ސްކީމްތަކާއި ޗުއްޓީތައް ހުންނަ ގޮތުން ވެސް ބޮޑަށް އިސްކަން ދޭނީ އާންމުކޮށް ސަރުކާރު މުވައްޒަފުންނަށް. ވިހެއުމުން ދޭ ޗުއްޓީ ވެސް އިތުރުކުރީ ސަރުކާރު މުވައްޒަފުންނަށް. ޓުއަރިޒަމް ސެކްޓާގައި އުޅޭ މުވައްޒަފުންނަކަށް އަޅައެއް ނުލާ،" ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް އަޅާނުލާކަން ފާހަގަ ކުރައްވަމުން މައުރޫފް ވިދާޅުވި އެވެ.
މީގެ އިތުރުން، ސްކޫލް ޗުއްޓީތައް ޓުއަރިޒަމް އޯފް ސީޒަނަށް ހަމަޖައްސަން ގޮވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ވެސް ހިނގާލުމުގައި ޓީމުން ގޮވާލާނެ އެވެ.
މި ހިނގާލުމުގައި ބައިވެރިވާ މީހުންގެ ޝަކުވާތައް ސަރުކާރުން އަޑުއަހާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މައުރޫފު ވިިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތްތެރިކަންގެ ޒިންމާއެއް އެއީ އެ ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން އަޑުއުފުލުން. އަޅުގަނޑު އުންމީދުކުރަން އެ ޒިންމާ އަދާކުރަން ހުރިހާ ފަރުދުން ނުކުންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.