މަސައްކަތްތެރިންގެ ހައްގުތައް ހޯދަން ހިނގާލުމެއް ބާއްވައިފި

މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން، އެމީހުންގެ ހައްގުތައް ހޯދުމަށް ގޮވާލައި ހިނގާލުމެއް މިއަދު މާލޭގައި ބާއްވައިފި އެވެ.


ޓުއަރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ން އިންތިޒާމްކޮށްގެން ބޭއްވި ހިނގާލުން ކުރިއަށް ގެންދިޔައީ ސޯޝަލް ސެންޓަރުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށެވެ. ހިނގާލުމުގައި ބައިވެރިވި މީހުން ވަނީ މަސައްކަތްތެރިންގެ ދިފާއުގައި އަޑު އުފުލައިފަ އެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަން މިއަދު ހަވީރު މާލޭގައި ބޭއްވި ހިނގާލުމުގައި ޓީމުގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެގޮތުން، ހިނގާލުމުގެ ބައިވެރިން ވަނީ "މިނިމަމް ވޭޖް އަވަސް ކުރޭ"، "މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރޭ"، "މަސައްކަތްތެރިންނާ މެދު ގެންގުޅޭ ތަފާތު ކުރުން ނައްތާލާ"، "މަސައްކަތްތެރިންނަށް ހައްގުވާ އުޖޫރަ ދީ" މިފަދަ ތަފާތު އެކިއެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ.

މި ހިނގާލުމުގައި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ، މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު، ގާނޫނުގައި ކަނޑައަޅާފައި ހުރި ކަންކަން ހާސިލްވަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަން ޓީމުން މިއަދު ބޭއްވި ހިނގާލުމުގެ ބައެއް ބައިވެރިން.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މަސައްކަތްތެރިންނަށް އެ ހައްގު ނުލިބި އޮތުމަކީ ދެރަވެ ހިތާމަ ކުރާ ކަމެއް،" މިނިމަމް ވޭޖް ކަނޑައަޅަން ގާނޫނުގައި ލާޒިމްކުރިތާ 11 އަހަރުވެފައިވާކަން ފާހަގަ ކުރައްވައި އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަސައްކަތްތެރިންގެ ދުވަހަކީ އާންމު ރައްޔިތުންގެ ދުވަހެކެވެ. އަދި ހައްގުތަކުގެ ވާހަކަ ދެއްކުމަށް މަސައްކަތްތެރިން ނުކުތުމަށް އަލީ އެދިވަޑައިގަތެވެ.

ކޮންމެ އަހަރަކު ވެސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ މޭ 1 އެވެ.