އިތުރު ތިން ދިވެހިން ލަންކާގައި ހައްޔަރުކޮށްފި

ހަމަލާތަކަށް ފަހު ކުއްލި ހާލަތު އިއުލާން ކޮށްފައިވާ ސްރީލަންކާއިން އިތުރު ތިން ދިވެއްސަކު އިއްޔެ ހައްޔަރުކޮށްފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ތިން މީހުން ހައްޔަރުކުރީ ސައިކަލެއް ގަތުމަށް ގޮސް އުޅެނިކޮށް ކޮލޮމްބޯއާ 100 ވަރަކަށް ކިލޯ މީޓަރު ދުރުންނެވެ. އެނގިފައިވާ ގޮތުގައި، އެ ތިން މީހުންނަކީ ލަންކާގައި ދިރިއުޅޭ އައްޑޫ ބައެކެވެ. އެ މީހުން ހައްޔަރުކޮށްގެން ގެންދިޔައީ މީތިޔަގޮޑާ ޕޮލިސް ސްޓޭޝަނަށެވެ.

މީތިޔަގޮޑާ ޕޮލިސް ސްޓޭޝަނުން ވަނީ ތިން ދިވެއްސަކު ހައްޔަރުކޮށްފައި ތިބިކަން ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އެ މީހުން ހައްޔަރުކުރި ސަބަބެއް އެތަނުން ނުބުންޏެވެ.

ފޮރިން މިނިސްޓްރީ އަށް ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އިތުރު ދިވެހިންތަކެއް ހައްޔަރުކޮށްފައިވާކަން ލަންކާ ފުލުހުން އަންގާފައިނުވާ ކަމަށެވެ. އަދި ލަންކާ އަށް ދީގެން އުޅޭ ހަމަލާއާ ގުޅިގެން މިހާތަނަށް އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަންގައި ހަ ދިވެއްސަކު އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ދެ މީހުންގެ ބަންދަށް ވަނީ 13 ދުވަސް ޖަހައިފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ އެ މީހުން ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅޭ ފޮތެއް ފެނުމުންނެވެ. ލަންކާ އަށް ދިން ހަމަލާގެ ޒިންމާ ވަނީ އައިއެސް ޖަމާއަތުން އުފުލައި އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އެ ފޮތާއި ހައްޔަރުކޮށްފައިވާ ދެ ދިވެހިންނާ އެއްވެސް ގުޅުމެއް ނެތެވެ.

ދެން ހައްޔަރު ކުރި ހަތަރު ދިވެހިން މިއަދު ވަނީ މިނިވަން ކޮށްފަ އެވެ. އެ މީހުން ހައްޔަރު ކުރީ އެމީހުން ދިރިއުޅޭ ގެއިން އެއާ ގަން އެއް ފެނިގެންނެވެ. އެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ މުއްދަތު ޖަހައި ނުދީފަ އެވެ.