ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މެއި 7) - މަޝްހޫރު ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް ކުޅިވަރުގެ މައިދާނުގައި ދައްކާފައިވާ އާދަޔާހިލާފު ހިތްވަރު ފާހަގަކޮށް، އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން އެމެރިކާ ސަރުކާރުގެ ފަރާތުން ހާއްސަ މެޑެއްޔެއް ދީފި އެވެ.

އިއްޔެ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާ ސަރުކާރުގެ ފަރާތުން ޓައިގާ ވުޑްސް އަށް "ޕްރެޒިޑެންޝިއަލް މެޑަލް އޮފް ފްރީޑަމް" ހަވާލުކޮށްދެއްވީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމް އެވެ. އިއްޔެގެ ރަސްމިއްޔާތުގައި ޓްރަމްޕް ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ވިޔަސް އެމެރިކާ ފަހުރުވެރިވާ ފަދަ ކާމިޔާބީ ހޯދާ ފަރާތްތަކަށް ލިބެން ޖެހޭ ހައްގު އިނާމް ދޭން ޖެހޭނެ ކަމަށެވެ.

"ޓައިގާ ވުޑްސް ފަދަ ފަހުލަވާނުން ދައްކާ އާދަޔާހިލާފު ހިތްވަރުގެ ސަބަބުން ދެން ތިބި މީހުންނަށް ވެސް ކުރިއަށްދާން އުއްމީދު އާވެގެންދޭ. އެންމެ މަތީ ކާމިޔާބީ ހޯދަން ހުއްޓާނުލުމުގެ ރޫހުގައި މަސައްކަތް ކުރެވޭނެ. އަހަރެންގެ އުއްމީދަކީ ދެން ވެސް އެހެން ޓައިގާ (ވުޑްސް) އެއް ފެނުން،" ޓްރަމްޕް ވިދާޅުވި އެވެ.

އުމުރުން 43 އަހަރުގެ ޓައިގާ ވުޑްސް އަކީ ގޮލްފްގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އޭނާ އަށް ގިނަ ބަޔެއްގެ ލޯ އެންމެ ބޮޑަށް އަމާޒުވީ ބުރަކަށްޓަށް ލިބުނު ބޮޑު އަނިޔާ އަކުން ސަލާމަތްވެ ކުޅުމުގެ ތެރެއަށް އެނބުރި އައިސް އޭނާ ދާދި ފަހުން ދެއްކި ތަފާތުންނެވެ. މިދިޔަ މަހު ޓައިގާ ވުޑްސް މާސްޓާސް މުބާރާތެއް ކާމިޔާބު ކުރިއިރު މިއީ 2008 ވަނަ އަހަރުގެ ޔޫއެސް އޯޕަން އަށް ފަހު އޭނާގެ އެންމެ ބޮޑު ކާމިޔާބީ އެވެ.

ޓައިގާ ވުޑްސް ވަނީ އޭނާގެ ވަރުގަދަ އެނބުރި އައުމުގެ ފަހަތުގައި އާއިލާގެ މެމްބަރުން ތިން އެއްބާރުލުން ފާހަގަކޮށްފަ އެވެ.

"އަހަރެން އާއިލާ އަށް ޝުކުރުއަދާކުރަން. ހަގީގަތުގައި އެ މީހުންނަކީ ވެސް ހީރޯ އިން. އަހަރެން އެންމެ ފުން ހިތާމަ އާއި އެންމެ ބޮޑެތި ކާމިޔާބީތަކުގައި ބަދަލުވުމެއް ނެތި އާއިލާ އޮތީ އަހަރެން ފަހަތުގައި،" ޓައިގާ ވުޑްސް ބުންޏެވެ.

ވައިޓް ހައުސްގައި ބޭއްވި ހަފްލާގެ ތެރެއިން ޓައިގާ ވުޑްސް (ވ) އާއި އެމެރިކާގެ ރައީސް ޓްރަމް (ކ). -- ފޮޓޯ: އޭއެފްޕީ
ވައިޓް ހައުސްގައި ބޭއްވި ހަފްލާގެ ތެރެއިން ޓައިގާ ވުޑްސް (ވ) އާއި އެމެރިކާގެ ރައީސް ޓްރަމް (ކ). -- ފޮޓޯ: އޭއެފްޕީ

އަނިޔާގައި ހޭދަވި ދުވަސްވަރު އެންމެ ބޮޑު ކަންބޮޑުވުމަކީ އަލުން ކުޅުމަށް އެނބުރި އާދެވޭނެ ކަމުގެ ޔަގީންކަމެއް ނެތުން ކަމަށާއި އެކަމަކު އޭނާ އެއްވެސް އިރަކު ހިތްވަރު އެލުވާނުލާ ކަމަށް ޓައިގާ ވުޑްސް ބުންޏެވެ.

"އެމީހެއް އަމިއްލަ އަށް އެމީހެއްގެ އަމިއްލަ ލިމިޓް ކަނޑައަޅާނީ. ޕްރޮފެޝަނަލުންގެ ތަފާތަކީ އަމިއްލަ އަށް މަސައްކަތްކުރުން. އަމިއްލަ އަށް އެނބުރި އައުން. ބޭނުންވާ މިސްރަބަށް ދިއުން،" ޓައިގާ ވުޑްސް ބުންޏެވެ.

ގޮލްފްގެ ބޮޑު މުބާރާތްތަކުގެ 15 ތަށި ހޯދާފައިވާ ޓައިގާ ވުޑްސް އަށް މީގެ ކުރިން ވެސް އެކި ވެރިކަންތަކުގައި އެމެރިކާ ސަރުކާރުގެ ހަފްލާތަކަށް ދައުވަތު ދިނެވެ. އެކަމަކު އޭނާ އޭގެން އެއްވެސް ދައުވަތެއް އޭރު ގަބޫލުނުކުރީ އޭނާގެ ކުޅިވަރުގެ ކެރިއަރުގައި ސިޔާސީ ކުލަ ނުޖައްސާނެ ކަމަށް ބުނެ އެވެ. އެކަމަކު މި ފަހަރު އެ ނިންމުން ބަދަލުވީ ހާއްސަ ސަބަބެއް އޮތުމުންނެވެ.

"މި ދައުވަތު އަހަރެން ގަބޫލުކުރީ ވަރަށް މުހިއްމު މެސެޖެއް ދޭން. ކުޅިވަރު ތަރިންނާއި ޕްރޮފެޝަނަލުންނަކީ އެހާ އަވަހަށް އުއްމީދު ދޫކޮށްލާ ބައެއް ނޫން. ކޮންމެ މީހަކަށް ވެސް އަމިއްލަ ހުވަފެންތައް ހާސިލްކުރެވޭނެ. އަހަންނަށް މި މެޑަލް. މި ޝަރަފް ދިނީތީ އެމެރިކާ ސަރުކާރަށް ޝުކުރުއަދާކުރަން. މި މެޑަލް އިތުރު ކުޅިވަރު ތަރިންނަށް ލިބޭނެ ކަމަށް އުއްމީދުކުރަން،" ޓައިގާ ވުޑްސް ބުންޏެވެ.

އެމެރިކަން ފުޓްބޯލް (އެންއެފްއެލް) އާއި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިންނާއި ރައިސް ޓްރަމްޕާ ދެމެދު ވަނީ މީގެ ކުރިން ގިނަ ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ. ޓައިގާ ވުޑްސް ވަނީ ކުޅިވަރުގައި އުޅޭ ހުރިހާ ފަރާތްތަކުން ސަރުކާރާ އެއްގަލަކަށް އަރަައި އެމެރިކާ އަށް ކާމިޔާބު ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލައިފަ އެވެ.