އެކްސިޑެންޓްގައި މަރުވި މީހާގެ އާއިލާއަށް އެމްޓީސީސީން އެހީވަނީ

ހުޅުމާލޭގައި އިއްޔެ ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިންގެ އަންހެން މީހާގެ އާއިލާއަށް އެހީތެރިވަމުން އަންނަ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.


އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ މަރުވި 31 އަހަރުގެ އަންހެން މީހާއާ އެކު އޭނާގެ އެކުވެރިއެއް ވެސް ރާއްޖެއަށް އައިސް ހުރި ކަމަށެވެ. އެހެންކަމުން އެ މީހުން ތިބޭ ގެސްޓް ހައުސްގެ ކަންކަން މިހާރު ހަމަޖައްސަމުން އަންނަނީ އެމްޓީސީސީން ކަމަށް ޝާހު ވިދާޅުވި އެވެ.

އޭގެ އިތުރުން ޝާހު ވިދާޅުވީ މަރުވި އަންހެން މީހާގެ މަންމަ މިއަދު ރާއްޖެ އަންނަ އިރު އޭނާއަށް ވެސް ކުންފުނިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ސީއީއޯ ވިދާޅުވި ގޮތުގައި އަންހެންމީހާގެ ހަށިގަނޑު ޔުކްރެއިންއަށް ފޮނުވުމުގެ ކަންކަން އެމްޓީސީސީން ހަމަޖައްސައިދޭނެ އެވެ.

މަރުވި އަންހެން މީހާގެ މަންމަ ރާއްޖެއަށް ކުރާ ދަތުރުގެ ހަރަދު ހޯދަން އާއިލާއިން އަދި ނޭދޭ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި އެގޮތަށް އެދިއްޖެ ނަމަ އެކަން ނިންމާނީ ގާނޫނީ ލަފަޔާ އެކުގައި ކަަމަށް ވެސް ވިދާޅުވި އެވެ.

"އެމީހުން ތިބި ހޮޓަލުގެ ކަންތައްތައް [ފައިސާގެ ކަންތައް] ހަމަޖައްސައިދޭން އަޅުގަނޑުމެން ވާނީ އެދިފައި. ދެން ހަށިގަނޑު ގައުމަށް ފޮނުވައިދިނުމުގެ ކަންތައް ހަމަޖައްސާނީ އަޅުގަނޑުމެން،" ޝާހު ވިދާޅުވިި އެވެ.

ހެނދުނު ޖޮގިންއަށް ނުކުމެ އުޅެނިކޮށް އަންހެންމީހާ މަރުވީ ޑްރައިވަރު ނިދިޖެހިފައި އިންދާ، ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފަ އެވެ.

ބަސް ދުއްވަން އިން ޑްރައިވަރު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.