ހަތަރު ފުރޮޅުލީ އުޅަނދަށް މާފަންނުއާގޭގައި ޕާކިން ޒޯނެއް ހަދަނީ

މާފަންނުއާގޭގެ ބައެއް ތަޅާލައި، އެ ތަނުގައި ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށް ހާއްސަ ޕާކިން ޒޯނެއް ހަދަން ފަށައިފި އެވެ.


މާފަންނުއާގެ ހިމެނޭ 22،000 އަކަފޫޓުގެ ބިމުން 12،000 އަކަފޫޓު އޮތީ މީގެ އެތައް އަހަރެއް ކުރިން ދައުލަތަށް ނަގައިފަ އެވެ. އެ ބައި ދައުލަތަށް ނެގީ އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެވެ.

މިހާރުގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮންނަ އެ ބިމުގައި މިހާރު ކުރިއަށް ގެންދަނީ އުޅަނދުފަހަރު ޕާކް ކުރާނެ ޖާގަ ކަނޑައެޅުމަށް ރޮނގުތައް ދެމުމުގެ މަސައްކަތެވެ. އެ މަސައްކަތް، މާލޭ ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ ގުޅިގެން ކުރަމުން އަންނައިރު ވަރަށް އަވަހަށް އެތަން ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ވިދާޅުވީ މާފަންނުއާގޭގެ ޕާކިން ޒޯން، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ހާއްސަ ކުރަން ނިންމީ ބާޒާރުމައްޗަށް ލުޔެއް ގެންނަން ކަމަށެވެ.

"ބާޒާރުމަތީގައި ހިނގާ އުޅެވޭކަށް ނެތް. ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ގޮތެއް ހޯދައިދޭން ޖެހޭ. އެ ބޭފުޅުން އެބައެދޭ ޕޭ ކޮށްގެން ނަމަވެސް ޕާކް ކުރެވޭނެ ގޮތްތަކެއް ހަމަ ޖައްސައިދިނުމަށް،" ޝިފާ ވިދާޅުވި އެވެ.

މާފަންނުއާގޭގެ ޕާކިން ޒޯނަކީ ފައިސާ ދީގެން ޕާކްކުރެވޭ ތަނެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލްގެ ވިސްނުމަކީ ދައުލަތުގެ ބިންތަކުގެ ގޮތުގައި ހުރި ފަޅު ގެތައް ހުސްކޮށް ޕާކިން ޒޯން ހެދުމެވެ.

"ބާޒާރުމަތީގައި ހިނގާ އުޅެވޭކަށް ނެތް. ހަތަރު ފުރޮޅުލީ ވެހިކަލްތަކަށް ގޮތެއް ހޯދައިދޭން ޖެހޭ. އެ ބޭފުޅުން އެބައެދޭ ޕޭ ކޮށްގެން ނަމަވެސް ޕާކް ކުރެވޭނެ ގޮތްތަކެއް ހަމަ ޖައްސައިދިނުމަށް،" ޝިފާ

"މިހާރު އެ ބިންތަކަށް ކުނި އަޅައި އެ ހަދަނީ. ފިލައިގެން އުޅޭ މީހުން އުޅޭ ތަންތަނަށް ވެސް އެ ތަންތަން އެ އޮތީ ހަދާފައި. އެހެންވެ، އެ ތަންތަނުގައި އިމާރާތް ކުރަން ވަންދެން، ހުސްކޮށް ޕާކިން ޒޯންނަށް ހަދަން އަޅުގަނޑުމެން ބޭނުންވަނީ،" ޝިފާ ވިދާޅުވި އެވެ.

އުޅަނދު ފަހަރުން ތޮއްޖެހިފައިވާ މާލޭގައި އިތުރު ޕާކިން ޒޯންތައް ހެދުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން، އަމީނީމަގުގައި ހުންނަ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ ކައިރީގައި އިއްޔެ ވަނީ ޕާކިން ޒޯނެއް ހުޅުވައިފަ އެވެ.