އީ-ކޮލައި ޖަރާސީމުން ތަޣައްޔަރުވެފައިވާ ކަމަށް ބެލެވޭ ދެ ބާވަތެއްގެ ޗީޒް ރާއްޖެ އަށް އެތެރެކޮށްފައިވާތީ، އެ ތަކެތި ބާޒާރުން ނެގުމުގެ މަސައްކަތް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ފަށައިފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ތަޣައްޔަރުވެފައިވާ ކަމަށް ބެލެވެނީ ފްރާންސް އިން ރާއްޖެ އެތެރެ ކުރާ "ސެއިންޓް ފެލެސިން" އަދި "ސެއިންޓް މާސެލިން" ބާވަތުގެ ޗީޒް ކަމަށެވެ. އަދި މި މަހުގެ ނިޔަލަށް މުއްދަތު ހަމަވާ މި ދެ ބާވަތުގެ ޗީޒް ރާއްޖެ އެތެރެކޮށް، ވިއްކުން ވެސް މަނާކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

މި ދެ ބާވަތުގެ ޗީޒް ތަޣައްޔަރުވެފައިވާ ކަން އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނައީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވޯކު (އިންފޯސަން) އިންނެވެ.