ރާއްޖޭގައި މި ވަގުތު ތާށިކަން އޮތް ކުޑަކުދިންގެ ފޯމިއުލާ މާކެޓަށް އަލުން ނެރެން ފަށާފައިވާ ކަމަށް، އެ ތަކެތި އެންމެ ގިނައިން އިމްޕޯޓުކުރާ އެމްއެޗްއޭގެ މެނޭޖިން ޑިރެކްޓަރު ސޮފްވާން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ފާއިތުވި ހަފުތާގައި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމުން ވަނީ ފޯމިއުލާ ނުލިބޭތީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެއް ބަޔަކު ވަނީ ރާއްޖެއިން ފޯމިއުލާ ނުލިބޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ލެކްޓޮޖެން އާއި ނާން އާއި ސެލްގްރޯ އަދި ސެރެލެކް ފަދަ ފޯމިއުލާ އެތެރެކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު "މިހާރު" އަށް މިއަދު ވިދާޅުވީ މާކެޓަށް ފޯމިއުލާ ނެރުމުގައި މިފަހަރު މައްސަލަ ދިމާވީ ލޭބަލްއަށް އައި ބަދަލު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އަށް ހުށަހަޅައިގެން ހުއްދަ ހޯދުމުގެ މަރުހަލާގައި ކަމަށެވެ.
އެމްއެފްޑީއޭގެ އުސޫލުގައިވާ ގޮތުން ރާއްޖެއަށް ކުޑަކުދިންގެ ސިއްހަތާ ގުޅޭ ކާނާގެ އުފެއްދުންތައް އެތެރެކުރެވޭނީ "ދިރިތާ" ޕޯޓަލް އިން ހާއްސަ ހުއްދައެއް ހޯދައިގެންނެވެ. އަދި އެ ތަކެތީގެ ލޭބަލާއި ޕެކޭޖިންނަށް ބަދަލެއް އަތުވެއްޖެނަމަ، އެ ހުރިހާ ބަދަލެއް އެމްއެފްޑީއޭއަށް ވެސް ހުށަހަޅަން ޖެހެ އެވެ.
މީގެ ދެ ހަފުތާ ކުރިން ރާއްޖެ ގެނައި ޝިޕްމަންޓުގެ އެއްބައި، އެމްއެފްޑީއޭއާ ގުޅިގެން ކުރި މަސައްކަތުން އެމްއެޗްއޭއިން އިއްޔެ ވަނީ މާކެޓަށް ނެރެފަ އެވެ. އަދި ޝިޕްމެންޓުގެ ބާކީބައި މިއަދު މާކެޓަށް ނެރެވޭނެ ކަމަށް ސޮފްވާން ވިދާޅުވި އެވެ.
ރާއްޖެއަށް އެ ތަކެތި އެތެރެކުރަނީ އެމްއެޗްއޭއިންނެވެ. ދެން ބޭނުންކުރާ ފޯމިއުލާ އެތެރެކުރަނީ އޭޑީކޭ ޓްރޭޑިންއިންނެވެ.
"ސަޕްލަޔާ ފަޅިން ގެންނަ ކުދިކުދި ބަދަލުތައް ވެސް އެމްއެފްޑީއޭއަށް ހުށަހަޅަންޖެހޭ. ކަންޓްރީ އޮފް އޮރިޖިން، ފުޅީގެ ސައިޒު ބަދަލުވުން ފަދަ ކަންކަމަށް ރާއްޖޭގެ ރެގިއުލޭޝަން ރިކުއާވޭ އަލުން ރަޖިސްޓްރީވާން. ބައިވަރު ޑޭޓާ ބޭނުންވޭ އެކަމަށް،" ސޮފްވާން ވިދާޅުވި އެވެ.
އެމްއެފްޑީއޭގެ އުސޫލުގެ ސަބަބުން އެފަދަ ބާވަތްތައް އަމިއްލައަށް އެތެރެކުރުމަކީ ވެސް އުނދަގޫ ކަމެކެވެ.