ޖަރުމަނުގެ "ހިޕް" ބްރޭންޑުގެ ކުޑަކުދިންގެ ކާނާގެ ފުޅިއަކުން ރޮޑެންޓްސައިޑް ނުވަތަ މީދާ މަރާ ވިހަ ފެނުނު މައްސަލައެއް އޮސްޓްރިއާގައި ތަހުގީގުކުރަމުން އަންނަ އިރު އެ ބްރޭންޑުގެ ތަކެތި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
"ހިޕް" އިން މިހާރު އަންނަނީ އޮސްޓްރިއާގެ ބާޒާރުގައި ހުރި އެ ކުންފުނީގެ، ކުޑަކުދިންގެ ކާނާގެ އުފެއްދުންތައް ބޭނުން ނުކުރުމަށް އަންގައި ބާޒާރުން އަނބުރާ ނަގަމުންނެވެ.
ޖަރުމަނާއި އޮސްޓްރިއާގެ އިތުރުން ޗެކް ރިޕަބްލިކް އަދި ސްލޮވާކިއާއިން ވެސް ފުލުހުން ވަނީ މި ބާވަތުގެ ފުޅިތައް ތަހުގީގަށް ނަގައިފަ އެވެ. އޮސްޓްރިއާގެ ފުލުހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަހުގީގަށް ނެގި ސާމްޕަލްތައް ޓެސްޓުކުރިއިރު މީދާ ވިހަ ފެނިފައިވާ ކަމަށެވެ.
އެމްއެފްޑީއޭ އިން ބުނި ގޮތުގައި، މި އުފެއްދުމަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައި އުފެއްދުމަކަށް ނުވިޔަސް، އަމިއްލަ ބޭނުމަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ބީބީސީގެ ރިޕޯޓެއްގައި އިއްޔެ ބުނީ ކުޑަކުދިންގެ ކާނާ އުފައްދާ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ހިޕް"ގެ ބޭބީ ފުޑް ދަޅެއްގެ ސާމްޕަލް ޓެސްޓުކުރި އިރު، އޭގައި މީދާ މަރާ ބޭސް ހުރިކަން އެނގިފައިވާ ކަމަށް އޮސްޓްރިއާގެ ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ޝައްކު ކުރާ ގޮތުގައި މިއީ އެ ކުންފުންޏަށް ބިރުދައްކައި، ފައިސާ ހޯދުމަށް މީހަކު ނުވަތަ ބަޔަކު ކުރި ކަމެކެވެ.
ހިޕް ކުންފުނިން ބުނެފައިވާ ގޮތުގައި، މިއީ ކާނާ އުފެއްދުމުގެ ތެރޭގައި ދިމާވި މައްސަލައެއް ނޫނެވެ. ނަމަވެސް، މިއީ ބަޔަކު ގަސްދުގައި ކާނާ ތަޣައްޔަރު ކުރުމަށް ހިންގާފައިވާ އަމަލެކެވެ.