ކާބޯތަކެތި ވިއްކާ ތަންތަން ހިންގަނީ ގާނޫނުގައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށާއި ހުއްދަ ނުހޯދައި އެފަދަ ތަންތަން ހިންގާތޯ ބަލަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަންދުކޮށްފި އެވެ.
އެމްްއެފްޑީއޭ އިން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީއާ ގުޅިގެން ހިންގި މި އޮޕަރޭޝަނަކީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް ހިންގާތޯ ބެލުމަށާއި ހުއްދަ ނެތި ހިންގާ ތަންތަން ދެނެގަންނަން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި މަސައްކަތުގައި 26 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށާއި ހުއްދަ ނެތި ހިންގަމުން ދިޔަ ހަތަރު ތަނެއް ވަނީ ބަންދުކޮށްފައިވާ ކަމަށް ބުންޏެވެ.
ބަންދުކުރި ތަންތަނުގެ ނަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ކާބޯތަކެތި ވިއްކާ ތަންތަން ބަލައިފާސްކުރަން އެމްއެފްޑީއޭއިން ކުރާ މަސައްކަތް ފުޅާކޮށް، ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، އިންސްޕެކްޝަން ހަދަން ވެސް އެ އޮތޯރިޓީން ވަނީ ނިންމައިފަ އެވެ.
އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެއީ ކާބޯތަކެތި އުފައްދަނީ އެކަމުގައި އަމަލުކުރަންވީ ގޮތުގެ މިންގަނޑުތަކަށް ފެތޭގޮތަށް ގޮތަށްތޯ ބެލުމަށް ހިންގާ އިންސްޕެކްޝަނެކެވެ.
އެމްއެފްޑީއޭ އިން ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އެ އިންސްޕެކްޝަން ކުރިއަށް ދާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި، ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެ ކަމާގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިނަށް ގުޅައިގެން ލިބޭނެ އެވެ.
ކާބޯތަކެތި އުފެއްދުމުގައި އަމަލުކުރަމުންދާ ގޮތް ބެލުމަށް ނިންމިއިރު އެގޮތަށް ގޭގައި އުފެއްދުމަށްފަހު ފިހާރަތަކުގައި ބަހައްޓާ ކާބޯތަކެތި އުފައްދާ ތަންތަނުގެ ހާލަތު އޮންނަ ގޮތް ސާފު ނުވާތީ އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.