ތެލުލި ފަތާއި ކޮށިމަހާއި ކުޅިކާޖާ އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ "ބިލެތްމާ ޓޭސްްޓީ" އިން މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ތަކެތި ވިއްކަމުންދާ ކަމަށް އެ އޮތޯރިޓީން ރޭގައި ބުނެފި އެވެ. 

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީ އަށް ލިބުނު ޝަކުވާއަކާ ގުޅިގެން "ބިލެތްމާ ޓޭސްޓީ" ބަލައިފާސްކޮށްފައިވާ ކަމަށާއި އެއީ އާންމު ސާފުތާހިރުކަން ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއް ކަމަށެވެ. 

އެހެންވެ، އެ ތަނުގައި ކުރަމުން އައި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ ކާބޯތަކެތި ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ ހިދުމަތްދޭ ތަންތަނަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމު ތަންތަން ކަމަށް ވިޔަސް ބިލެތްމާ ޓޭސްޓީއަކީ ރަޖިސްޓްރީ ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. 

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މަތީގައި ދަންނަވާފައިވާ ނަމުގައި [ބިލެތްމާ ޓޭސްޓީ] އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގަމެވެ،" 

މިފަހަކަށް އައިސް ވަރަށް މުޑުދާރުކޮށް ކާބޯތަކެތި ހަދައި ވިއްކާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެފަދަ މައްސަލަތަކާ ގުޅިގެން ބައެއް ގަވާއިދުތައް ވެސް ހަރުކަށި ކޮށްފައިވެ އެވެ.