ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގެ ގޮތުގައި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ މީހުން، ބޯފެނާއި ލުއި ބުއިންތައް ހުސްކޮށްފައިވާ ފުޅިތަކުގައި ކާބޯތަކެތި ބަންދުކޮށް ވިޔަފާރީގައި ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ގޮތަށް ޕޮލިއެތިލީން ޓެރަތަޔަލޭޓް (ޕީއީޓީ) އިން ތައްޔާރުކޮށްފައިވާ ފުޅިއަށް ވާތީ އެއީ ހަމައެކަނި ވަކި ބާވަތެއްގެ އުފެއްދުންތަކަށް ބޭނުންކުރެވޭ ޕްލާސްޓިކުން ހަދާފައިވާ ފުޅިތަކެކެވެ.
ނަމަވެސް، ބާޒާރުގައި ތަފާތު ބާވަތްތަކުގެ ބުއިންތައް އޭގެ ފުޅީގައި ބަންދުކުރާކަން ފާހަގަވެފައިވާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
އެކަމުގެ ސަބަބުން، ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ފޯރައި، އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެހެންވެ އެފަދަ ފުޅި އަދި ކޮތަޅުގައި ކާބޯތަކެތި ބަންދު ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.