ވިޔަފާރީގެ އުސޫލުން ކާބޯތަކެތި އުފައްދާ ގޭގެއަށް އަންނަ މަހު ޒިޔާރަތްކޮށް، އިންސްޕެކްޝަން ހަދާނެ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި ދަފްތަރުކޮށްފައިވާ ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތްކުރާ ފަރާތްތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ސަވެއިލަންސް އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަނަކީ ކާބޯތަކެތި އުފައްދަނީ އެކަމުގައި އަމަލު ކުރަންވީ ގޮތުގެ މިންގަނޑުތަކަށް ފެތޭގޮތަށް ގޮތަށްތޯ ބެލުމަށް ހިންގާ އިންސްޕެކްޝަނެކެވެ.
އެމްއެފްޑީއޭ އިން ބުނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް އެ އިންސްޕެކްޝަން ކުރިއަށް ދާނެ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކާބޯތަކެތި ތައްޔާރުކުރާ ގޭގެއަށް އެ އޮތޯރިޓީގެ އިންސްޕެކްޓަރުން ޒިޔާރަތްކުރާނެކަން ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެ ކަމާގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިނަށް ގުޅައިގެން ލިބޭނެ އެވެ.
ކާބޯތަކެތި އުފެއްދުމުގައި އަމަލުކުރަމުންދާ ގޮތް ބެލުމަށް ނިންމިއިރު އެގޮތަށް ގޭގައި އުފެއްދުމަށްފަހު ފިހާރަތަކުގައި ބަހައްޓާ ކާބޯތަކެތި އުފައްދާ ތަންތަނުގެ ހާލަތު އޮންނަ ގޮތް ސާފު ނުވާތީ އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ.