ދިވެހިން އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ދިރާސާއެއް ހަދާނެ ކަމަށާއި އޭރުން ކެމިކަލް ހުންނަ ބާވަތްތައް އެނގޭނެ ކަމަށް އެންއެފްޑީއޭއިން މިއަދު ބުނެފި އެވެ.
އެ އޮތޯރިޓީގެ ފުޑް ކޮލިޓީ އެޝުއަރެންސް ކޯޑިނޭޓަރު ހާލިސާ މުހައްމަދު "މިހާރު"އަށް ވިދާޅުވީ ދަނޑުތަކުގައި ހައްދާ ތަކެތީގެ ޓެސްޓު ހަދަން ޓެސްޓިން މެތަޑުތައް ތަރައްގީކުރަމުން އަންނަ ކަމަށެވެ. އެއާ އެކު، ޓޯޓަލް ޑައިޓް ސްޓަޑީ ނުވަތަ ދިވެހިން އާއްމުކޮށް ކާ ތަކެތި ބަލައި އެ ތަކެތީގައި ހިމެނޭ ކެމިކަލް ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށް ހާލިސާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯއާ ގުޅިގެން މިކަމުގެ ޕްރޮޕޯޒަލް ހަދާފައިވާ ކަމަށާއި ފިނޭންސް މިނިސްޓްރީން މިހާރު އަންނަނީ އެ ޕްރޮޕޯޒަލްއަށް ފަންޑު ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އޭގެ އިތުރުން ދިވެހިންގެ ކާބޯތަކެއްޗާ ގުޅޭ ސާވޭގެ މަސައްކަތް ވެސް އެމްއެންޔޫއާ ގުޅިގެން ހަދާނެ ކަމަށް ހާލިސާ ވިދާޅުވި އެވެ.
ރާއްޖޭގައި ކެންސަރު ގިނަވަނީ ކާބޯތަކެތީގައި ހުންނަ ކެމިކަލްގެ ސަބަބުން ކަމަށް ބުނެ އާއްމުން ކަންބޮޑުވުން ފާޅުކުރެ އެވެ. ނަމަވެސް، އެކަން ޔަގީންކުރެވޭނެ މައުލޫމާތެއް ރާއްޖޭގައި އެއްކޮށްފައެއް ނެތެވެ.
ހާލިސާ ވިދާޅުވީ ކޮންޓެމިނޭޓް ދިރާސާ ހެދުމުން، ގިނައިން ހުންނަނީ ކެންސަރަށް މަގުފަހިވާ ކޮން ކެމިކަލެއްކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތްތަކަކީ ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއަށް ލާޒިމްކޮށްފައިވާ މަސައްކަތްތަކެވެ.
ފަންޑު ހަމަޖެހުމުން އެ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެފްޑީއޭއިން މިހާރު ވެސް މާކެޓުގައި ހުންނަ ތަކެތީގެ ރެންޑަމް ސާމްޕަލް ނަގައިގެން ޓެސްޓުކުރެ އެވެ. އެކަމަކު، ޓެސްޓިން މެތަޑު ތަރައްގީކުރެވުމުން، ރާއްޖޭގެ ދަނޑުތަކުގައި ހައްދައި މާކެޓަށް ނެރުމުގެ ކުރިން ޓެސްޓު ހެދޭނެ ކަމަށް ހާލިސާ ވިދާޅުވި އެވެ.