ބައެއް ފިހާރަތައް ރޭގަނޑު ބަންދުކުރާއިރު، މަހާއި ކުކުޅު ރައްކާކޮށްފައި ހުންނަ ފްރިޖު ނިއްވާލުމުގެ މައްސަލަ ބޮޑު ކަމަށާއި ދޭތެރެ ދޭތެރެއިން އެ ޝަކުވާ ލިބޭ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިއްޔެ ބުނެފި އެވެ.
ގަނޑުކުރި ކާބޯތަކެއްޗާ އެކު ބައެއް ފިހާރަތަކުން ފްރިޖް ނިއްވާލަ އެވެ. ޕަބްލިކް ހެލްތު ސޮސައިޓީ މޯލްޑިވްސް އިން ވަނީ އެކަމުގެ ނުރައްކާ އޮތް މިންވަރު ސާފުކޮށްދޭން ޕޯސްޓެއް ވެސް ކޮށްފަ އެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ ގަނޑުކުރި ތަކެތި ބަހައްޓާފައި ހުންނަ ފްރިޖުން ކަރަންޓު ކަނޑާލުމަށް ފަހު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނު އަނެއްކާ ފްރިޖު ޖައްސާކަމުގެ ޝަކުވާ އާއްމުންގެ ފަރާތުން ލިބޭ ކަމަށެވެ.
އެކަން ގިނައިން ލިބެނީ، ކަންމަތީ ފިހާރަތަކާ ގުޅިގެން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އޭނާ ވިދާޅުވި ގޮތުގައި މަހާއި ކުކުޅު އަދި ސޮސެޖު ފަދަ ތަކެތި ގަނޑު ފިލުވުމަށް ފަހު އަނެއްކާ ގަނޑުކުރުމަކީ އޭގެ ރައްކާތެރިކަން ކުޑަވާނެ ކަމެކެވެ. އެފަދަ ކަންކަން ކުރާ ކަމުގެ ޝަކުވާ ލިބިފައިވާ ފިހާރަތަކަށް ގޮސް، ލިބޭ ގެއްލުންތައް ވެސް ކިޔައިދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެމްއެފްޑީއޭއިން އަންނަނީ ސްޓޯރޭޖް އެންޑް ހޭންޑްލިން ގަވައިދެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ގަވައިދަށް އަމަލުކުރަން ފެށުމުން ވިޔަފާރިތަކުގެ ޒިންމާ ވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ޝަކުވާތަކަށް އެޓެންޑުވަން. އެކަންކަމަށް ބަލައި ފިހާރަތައް ބަންދުކޮށްފައި ވެސް ހުންނާނެ. އަދި ފޮލޯއަޕް ހެދުމަށްފަހު އަލުން ހުޅުވޭނީ. އެކަމަކު، ގަވައިދުގެ ދަށުން އެމްއެފްޑީއޭއަށް ވެސް އެބަ ލިބޭ އިތުރު ފިޔަވަޅުތައް އެޅުމުގެ ބާރު،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގޭގައި ބޭނުންކުރާ ފްރިޖު ވެސް، ހަރަދު ކުޑަކުރުމަށް ވިއަސް ލިބޭ ގެއްލުންތައް އެނގޭތީ ރޭގަނޑު ނިއްވާނުލާ ކަމަށެވެ.
"އާއްމުކޮށް ކުދި ފިހާރަތަކާ ގުޅޭގޮތުން މި ކަހަލަ ޝަކުވާތައް އަންނަނީ. އެކަން ކުރަނީ ރިސްކު ނޭނގޭތީއޭ ބުނަން ވަރަށް ދަތި،" އޮފިޝަލް ވިދާޅުވި އެވެ.