އުމްރާ އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެ

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި އުމްރާ އަށް ގޮސްގެން އުޅެނިކޮށް ގެއްލުނު މީހާ ދެ ދުވަސް ފަހުން މިއަދު ފެނިއްޖެ އެވެ.


ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވީ ޞަފާ އާއި މަރުވާއާ ދޭތެރޭ ހިނގަނިކޮށް ހޮނިހިރު ދުވަހު ގެއްލުނު މީހާ ފެނުނީ ހަރަމްފުޅާ ފަސް ކިލޯމީޓަރުން ދުރުން ކަމަށް އެނގިފައިވެ އެވެ. ފެނުނު އިރު އެ މީހާގެ ހާލު ރަނގަޅު ކަމަށް ހަމީދު ވިދާޅުވި އެވެ.

ގެއްލުނު މީހާ އަކީ އުމުރުން ދުވަސްވީ މީހެކެވެ. އެ މީހާއާ ބެހޭ މައުލޫމާތެއް ހައްޖު ކޯޕަރޭޝަނުން ހާމައެއް ނުކުރެ އެވެ.

ހައްޖާއި އުމްރާ އަށް ގޮސް އުޅުމުގެ ތެރޭގައި މީގެ ކުރިން ވެސް މީހުން ގެއްލި އެތައް ދުވަހެއް ހޭދަވެފައިވެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ރޯދަ މަހު 84 މީހަކު އުމްރާއަށް ދިޔަ އެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ހަމީދު ވިދާޅުވި އެވެ.