ވާވޭ ކުންފުނީގެ އަސްލު ބާރު އެމެރިކާ އަށް ނޭނގޭ ކަމަށް އެ ކުންފުނީގެ ފައުންޑާ ރެން ޒެންފީ ވިދާޅުވެއްޖެ އެވެ.
ވާވޭ ކުންފުންޏާ ދެކޮޅަށް އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައްދު ދެއްވަމުން ރެން ވިދާޅުވީ އެމެރިކާ އިން އެ ކުންފުންޏާ މެދު އެގޮތަށް އަމަލުކުރަނީ ވާވޭގެ ބޭނުންތެރިކަމާއި ބާރު ނޭނގޭތީ ކަމަށެވެ. އަދި އެ ކުންފުނީގެ 5ޖީގެ ހިދުމަތާ ގާތްކުރެވޭ ވަރަށް ވެސް ކައިރި މުސްތަގުބަލެއްގައި އެހެން އެއްވެސް ކުންފުންޏަކަށް ހިދުމަތް ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާ އިން ވަނީ ހާއްސަ ހުއްދައަކާއި ނުލައި އެ ގައުމުގެ އެއްވެސް ކުންފުންޏަކުން ބޭރުގެ ކުންފުނިތަކާއެކު ވިޔަފާރި ނުކުރެވޭނެ ލިސްޓަށް ވާވޭ އިތުރުކޮށްފަ އެވެ. އެއާއެކު އެމެރިކާގެ ގިނަ ކުންފުނިތަކުން ވަނީ ވާވޭއާ އެކު ކުރަމުން އައި ވިޔަފާރި މަޑުޖައްސާލައިފަ އެވެ.
ވާވޭ އަކީ އެމެރިކާގެ ގޫގުލް އިން އުފައްދާ އެންޑްރޮއިޑް އޯއެސްގައި ހިންގާ ފޯނަކަށް ވާއިރު ގޫގުލް އިން ވެސް ވަނީ ވާވޭއާ އެކު ވިޔަފާރިކުރުން ހުއްޓާލައިފަ އެވެ. މި ނިންމުމުގެ ސަބަބުން، ގޫގުލްގެ މުހިންމު ބައެއް ހިދުމަތްތައް ވާވޭ ފޯނަކަށް ނުލިބޭނެ އެވެ.
އެމެރިކާގެ ނިންމުމާ ގުޅޭގޮތުން ޗައިނާ ސަރުކާރުގެ މީޑިއާ އަށް ރެން ވިދާޅުވީ އެމެރިކާ އިން ވާވޭއާ އެކީ ވިޔަފާރިކުރުން ހުއްޓާލިޔަސް ހާސް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނި އޮތީ އެމެރިކާގެ ނިންމުމަށް މާ ކުރިން ތައްޔާރުވެފައި ކަމަށެވެ.
ވާވޭ ބްރޭންޑް ފޯނުތައް ވަނީ ދުނިޔޭގެ ބާޒާރުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން މޯބައިލް ފޯނު ވިޔަފާރީގައި ދުނިޔޭގެ ބާޒާރުގައި ދެ ވަނަ ހޯދައި، އެމެރިކާގެ އެޕަލް ވަނީ ދެ ވަނަ އަށް ވައްޓާލައިފަ އެވެ. އަދި އެއްވަނައިގައި އޮތް ސެމްސަންގް ވެސް ވައްޓާލާނެކަމަށް ވަނީ ލަފާކުރެވިފަ އެވެ.