އަދީބުގެ 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ޕީޖީ އަށް ފޮނުވާލަން ނިންމައިފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ދެކޮޅަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވި 12 އަށް ވުރެ ގިނަ މައްސަލަ އަނބުރާ ފޮނުވާލަން އެ ކޯޓުން ނިންމައިފި އެވެ.


"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން މިދިޔަ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އެ ހުރިހާ މައްސަލަތަކެއް އަނބުރާ ފޮނުވާލަން ނިންމީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ ހުށަހެޅުއްވުމަކާ ގުޅިގެންނެވެ. ފަނޑިޔާރުންގެ މަޖިލިހުން އެގޮތަށް ނިންމީ، އަދީބާ ގުޅޭ އެ މައްސަލަތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ބުނެ އެވެ.

އެކަމަކު، ކޯޓުގެ އިދާރީ ބައެއް ކަންކަން ފުރިހަމަ ނުވާތީ ޕީޖީ އަށް އެ މައްސަލަތައް އަދި އަނބުރާ ނުފޮނުވާ ކަމަށް އެނގިފައި ވެ އެވެ.

ޕީޖީ އަށް އަނބުރާ ފޮނުވާލަން ނިންމި މައްސަލަތަކުގެ ތެރޭގައި ހައިކޯޓުން ކްރިމިނަލް ކޯޓަށް އަލުން ބަލަން އެންގި ދެ މައްސަލަ ވެސް ހިމެނެ އެވެ. ދެން ފޮނުވާލަން ނިންމި ގިނަ މައްސަަލަތަކަކީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ޕީޖީން ކުރި ދައުވާތައް ކަން އެނގިފައިވެ އެވެ.

ފަނޑިޔާރުންގެ މަޖިލިހުން އެގޮތަށް ނިންމީ، އަދީބާ ގުޅޭ ހުރިހާ މައްސަލަތަކެއްގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމާ ގުޅިގެން ކަމަށް ވެ އެވެ.

އަދީބަށް ދެ މައްސަލައެއްގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މިދިޔަ ހަފުތާގަ އެވެ. އެއީ ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ޚިޔާނާތްތެރިވި މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ އެވެ.

މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް 15 އަހަރުގެ ހުކުމެއް އިއްވި އެވެ.

އަދީބު، އަށް އަހަރަށް ޖަލަށްލާން ކުރި ހުކުމް ބާތިލް ކުރުމާ އެކު، އެމަނިކުފާނު މައްޗަށް އިއްވި ޖަލު ހުކުމްތަކުގެ ތެރެއިން އެންމެ ފަހުން ހުކުމް ވެސް ބާތިލްވީ އެވެ. އެއާ އެކު އަދީބަށް ކުރި ހުރިހާ ހުކުމަކުން އޭނާ ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ. އެކަމަކު އަދީބު އަދި މިނިވަނެއް ނުވެ އެވެ.

ލޯންޗްކޮޅުގެ މައްސަލާގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބު ދަށު ކޯޓަށް ހާޒިރުކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން ވެސް އެ ހުކުމުގައި އޮތީ އަންގައިފަ އެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާ 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓުން ވެސް ވަނީ ބާތިލްކޮށްފަ އެވެ.