ޖުޑިޝަރީ އަށް ހާއްސަ ކޮމެޓީއަކާ އެކު ކޮމެޓީގެ އަދަދު 17 އަށް

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުވާކުރި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިމެނޭ ދާއިމީ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރަން މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި ވަގުތީ ކޮމިޓީން މިއަދު ނިންމައިފި އެވެ. މި ބަދަލާ އެކު، ޝަރުއީ ދާއިރާއާ ގުޅުން ހުރި ކަންކަމަށް ޖުޑިޝަރީ ކޮމިޓީއެއް ވަނީ ހަދައިފަ އެވެ.


މަޖިލިހުގެ ގަވައިދުގައި ކުރިން އޮންނަނީ 13 ކޮމިޓީއެކެވެ. އެކަމަކު، ވަގުތީ ކޮމިޓީން ވަނީ ޖުޑިޝަރީ ކޮމިޓީ ހިމެނޭ ގޮތަށް ފަސް ކޮމިޓީއެއް އުފައްދަން ކޮމިޓީ މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ. އަދި ވަކިން އޮންނަ އިމްތިޔާޒް ކޮމިޓީ އާއި ސުލޫކު ކޮމިޓީ އެއްކޮށްލަން ނިންމައިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެ ކޮމިޓީ އަށް ކިޔާނެ ނަމަކީ އިމްތިޔާޒާއި ސުލޫކު ކޮމިޓީ އެވެ.

މަޖިލިހުގެ ގަވައިދު އިސްލާހު ކުރަން ހެދި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް

މަޖިލިހުގައި އަލަށް އުފައްދަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ އިތުރުން ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި ފޮރިން ރިލޭޝަންސް ކޮމިޓީ އެވެ. އަދި ގައުމީ ތަރައްގީ ކޮމިޓީގެ ނަން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ބަދަލު ކުރަން ވަނީ ނިންމައިފަ އެވެ.

މަޖިލިހުގައި ދެން ހިމެނޭ ކޮމިޓީތަކަކީ އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ގަވައިދު ކޮމިޓީ، މާލިއްޔަތު ކޮމިޓީ، އިގްތިސާދީ ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، ގައުމީ ސަލާމަތުގެ ކޮމިޓީ އެވެ.

ކޮމިޓީ ބައްދަލުވުމުގައި ވަނީ ހުރިހާ ކޮމިޓީއެއްގެ ތިއްބަވާނެ މެމްބަރުންގެ އަދަދު ކަނޑައަޅައިފަ އެވެ. އެގޮތުން މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމީ ކޮމިޓީތަކުގައި 11 މެމްބަރުން ތިއްބެވުމަށެވެ. އެކަމަކު، މި ބައްދަލުވުމުގައި ކޮމިޓީތަކުގައި އަމަލު ކުރާނެ މެންޑޭޓްތަކެއް އަދި ކަނޑައެއް ނާޅަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުގައްރިރު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

ކޮމިޓީގައި ގިނަ ކޮމިޓީތަކެއް އުފައްދަވަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

މަޖިލިސް ހިންގަން އާ ގަވާއިދެއް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ 11 މެމްބަރުންގެ ވަގުތީ ކޮމިޓީން މީގެ ކުރިން ވަނީ މަޖިލިހުގައި ބަހުސްގެ ވަގުތު ތިން ގަޑިއިރުގެ ބަދަލުގައި ހަތަރު ގަޑިއިރަށް ބަދަލުކުރަން ނިންމައިފަ އެވެ.

މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެމްބަރުން ބެހިފައި އޮތް އަދަދަށް ބަލާ އިރު، އެންމެ މެމްބަރުން ގިނައީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި 65 މެމްބަރުން ތިއްބެވި އިރު، އިދިކޮޅު ޕީޕީއެމްގައި ފަސް މެމްބަރުން، ޕީއެންސީގައި ތިން މެމްބަރުން ތިއްބަވަ އެވެ. ޖުމްހޫރީ ޕާޓީގައި ފަސް މެމްބަރުން، އެމްޑީއޭގައި ދެ މެމްބަރުން އަދި މިނިވަން މެމްބަރުންގެ ގޮތުގައި ހަތް މެމްބަރުން ތިއްބަވަ އެވެ.