ވެލި ބަރުކުރި ބޭރުގެ ބޯޓު އަދިވެސް އޮތީ ހިފަހައްޓާފައި!

ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެލި ބަރުކޮށްގެން ދަތުރު ކުރަނިކޮށް ލ. ހިތަދޫ ކައިރިން ފެނުނު ބޭރުގެ ބޯޓު އަދިވެސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭރުގެ ބޯޓުގެ ތަހުގީގު އަދިވެސް ނިމިފައި ނުވާ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަނީ ކަސްޓަމްސްއާ ގުޅިގެންނެވެ. ތަހުގީގު ނުނިމޭތީ ބޯޓާ ދޭތެރޭ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ ބުނެފަ އެވެ.

ވެލި ބަރުކޮށްފައި އޮއްވައި މިދިޔަ މަހުގެ 24 ގައި ފެނުނު ޗައިނާގެ ބޯޓަކީ މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖްގެ މަސައްކަތްކުރި ސީސީސީސީ ކުންފުނީގެ ސަބް ކޮންޓްރެކްޓް ކުންފުންޏަކު ގެނައި އުޅަނދެއް ކަމަށާއި އަދި އެ ސަބް ކޮންޓްރެކްޓް މިހާރު އުވާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެ އުޅަނދަކީ ހުންނާން އައުބޯ ޓެކްނޮލޮޖީ ލިމިޓެޑް ކިޔާ ކުންފުންޏެއްގެ އުޅަނދެކެވެ.

ހިތަދޫ ކައިރިން ބޯޓު ފެނިގެން ފުލުހުންނާއި ސިފައިން އެކީގައި އެ ބޯޓަށް އަރައި ބެލި އިރު، އެ ބޯޓުގައި ރަޖިސްޓްރޭޝަން ނަންބަރެއް އަދި ދިދައެއް ނެތެވެ.

ބޯޓަށް ވެލި ބަރުކުރީ، އެ ބޯޓުގައި ހުރި ވެހިކަލްތައް ބެލެންސް ކުރަން ކަމަށް ބުނި ކަމުގައި ވިޔަސް، ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ލިބިގެން ކަން ހާމަވާ އެއްވެސް ލިޔުމެއް ނެތް ކަމަށް ފުލުހުން ކުރިން އޮތީ ބުނެފަ އެވެ. އަދި އެންވަޔަރުމަންޓް މިނިސްޓްރީން ވެސް ބުނީ ހިތަދޫ ކައިރިން ވެލި ނަގައިގެން ގެންދިއުމުގެ ހުއްދަ އެއްވެސް ބަޔަކަށް ދީފައި ނުވާނެ ކަމަށެވެ.