ދައުލަތަށް 2.7 މިލިއަން ޑޮލަރު ދައްކަން ތްރީއޭ ކުންފުނީގެ މައްޗަށް ހުކުމްކޮށްފި

ދައުލަތަށް 2.7 މިލިއަން ޑޮލަރު (42 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ތްރީ އޭ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.


ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި ތްރީއޭ ޓްރޭޑިން އިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކުރުމުންނެވެ.

ސިވިލް ކޯޓުން މިއަދު ވަކިވަކިން ކުރި ދެ ހުކުމުގައިވަނީ ޖީއެސްޓީގެ ގޮތުގައި 1.8 މިލިއަން ޑޮލަރާއި ގްރީން ޓެކްސްގެ ގޮތުގައި 950،000 ޑޮލަރަކީ ތްރީއޭ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފައިސާ ކަން ސާބިތުވާ ކަމަށެވެ. އެހެންވެ، މިއަދުން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ އާއި ޖޫރިމަނާ ފައިސާ މީރާ އަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.

ޓެކްސްގެ ގޮތުގައި ދަައުލަތަށް ފައިސާ ދައްކަން ތްރީއޭ ކުންފުނީގެ މައްޗަށް ހުކުމް ކުރިއިރު، ލީސް ރެންޓާއި ލޭންޑް ރެންޓްގެ ގޮތުގައި ތިން މިލިއަން ޑޮލަރު ހޯދަން ވެސް އެ ކުންފުނީގެ މައްޗަށް މީރާއިން ދައުވާކުރި އެވެ. އެކަމަކު މީރާއިން ކޯޓަށް ހާޒިރު ނުވުމުން އެ މައްސަލަތައް ކޯޓުން ކުރިން އޮތީ ބޭރުކޮށްލައިފަ އެވެ.