ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ދަތުރުކުރަން ކުރިން ބޭނުންކުރި މަގު، މޫދުގެ ބަޔަކަށް ހަދައި، ސީޕްލޭނަށް ހާއްސަ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފު "މިހާރު"އަށް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ނިމެންވާ އިރަށް ސީޕްލޭން ޖައްސާ ސަރަހައްދު ފުޅާކޮށް އަދި ބޮޑުކުރުމުގެ މަސައްކަތް ވެސް ނިމެނޭނެ ކަމަށެވެ. އަދި އޭރުން ސީޕްލޭން ޖައްސާށާއި، ފުރަން ބޭނުންކުރާ ސަރަހައްދު ތަނަވަސްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަލާމަތީ ގޮތުން އިތުރު ފުރިހަމަކަމެއް ލިބޭނެ،" ހަސަން ވިދާޅުވި އެވެ.
ސީޕްލޭނަށް މޫދު ސަރަހައްދު ބޮޑުކުރުމުން ހުޅުމާލޭ މަތިން ބޯޓު ފަހަރު ދަތުރުކުރުން ވެސް ނިމުމަކަށް އަންނާނެ އެވެ. މިހާރު ބައެއް ފަހަރަށް ސީޕްލޭންތައް ޖައްސަނީ ހުޅުމާލޭ މަތިން ގޮހެވެ.
އެ މަސައްކަތްތައް ނިމުމުން ސީޕްލޭންތައް ދެން އަންނާނީ ހުޅުމާލޭގެ އިރުމަތީ ފަރާތު [ފަރުމަތިން]،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑުކުރުމުން ސީޕްލޭން ޖައްސާ ސަރަހައްދު އޮންނާނީ އާ ހައިވޭއާ ހަމައަށެވެ.
ސީޕްލޭން ޖައްސާ ސަރަހައްދު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެއީ އާ ލިންކް ރޯޑް މަޝްރޫއުގެ ބައެއް ކަމަށެވެ.
"ތިން މަސްދުވަހުގެ ތެރޭގައި އެ ސަރަަހައްދު ކޮނުމުގެ މަސައްކަތް ނިންމާ ގޮތަށް އޮތީ،" ސުހައިލް ވިދާޅުވި އެވެ.
އާ ބްރިޖާ އެކު ހެދި ލިންކް ރޯޑް ހެދީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށް ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކޮށްގެންނެވެ.
އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ ތަނެކެވެ.