ނ. މާފަރުގައި ހުޅުވަން ތައްޔާރުވަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓަށް، އައްޑޫގައި ހިންގަމުން އަންނަ ފްލައިން ސްކޫލް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެ ސްކޫލް ހިންގާ އޭޝިއާ އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އިން މިއަދު ބުނެފި އެވެ.
އޭއޭއޭ ގެ ސީއީއޯ ކެޕްޓަން ސޫރަންޖަން ޑިސިލްވާ "މިހާރު" އަށް މިރޭ ވިދާޅުވީ މާފަރުގައި ފްލައިން ސްކޫލް ހުޅުވުމަށްޓަކައި މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މާފަރުގައި ފްލައިން ސްކޫލް ފަށާނީ ކުރިއަށް ވުރެ ރަނގަޅު ހިދުމަތްތަކާ އެކުގަ އެވެ. އެގޮތުން އެތަނުގައި ދަރިވަރުން ތިބޭނެ ކޮޓަރިތަކެއް ވެސް އަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާފަރުގައި އަޅުގަނޑުމެން އަޅާނަން 200 ދަރިވަރުންނަށް ފުދޭ ވަރަށް ކޮޓަރި ވެސް. އޭރުން ދަރިވަރުންގެ އެކޮމޮޑޭޝަނަށް ކުރަން ޖެހޭ ހަރަދު ވެސް މިހާރަށް ވުރެ މާބޮޑުތަން ކުޑަވާނެ،" ސޫރަންޖަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ހިންގަމުން އަންނަ ފްލައިން ސްކޫލް އަންނަ އަހަރު ޖުލައި މަހު މާފަރަށް ބަދަލުކުރަން ނިންމީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އިން ކުލި ބޮޑުކުރުމުން ކަމަށެވެ. މާފަރުގައި ސްކޫލް އަޅަނީ އެއަށް ވުރެ ކުޑަ ކުއްޔަަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާފަރުގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ވަޒީފާތަކެއް ވެސް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
އޭވިއޭޝަން އިންޖިނިއަރިން ވެސް ކިޔަވައިދޭން ފަށާނެ
މާފަރުގައި އަންނަ އަހަރު ފްލައިން ސްކޫލް ހުޅުވުމުގެ އިތުރުން އޭވިއޭޝަން އިންޖިނިއަރިން ސްކޫލެއް ވެސް ހިންގަން ނިންމާފައިވާ ކަމަށް ސޫރަންޖަން ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އޭވިއޭޝަން އިންޖިނިއަރިން ކިޔަވައިދޭން ފެށޭ ވަރު ވާނީ ފްލައިން ސްކޫލް ހިނގައިގަތުމުން، އެއަށް ވުރެ ފަހުންނެވެ.
"ފުރަތަމަ ފޭސްގައި އޮތީ ފްލައިން ސްކޫލް މާފަރަށް ބަދަލުކުރުން. އިންޖިނިއަރިން ކިޔަވައިދިނުމުގެ މަސައްކަތް ފެށޭނީ އޭގެ ފަހުން،" އޭނާ ވިދާޅުވި އެވެ.
އޭއޭއޭ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. ގަމުން ސްކޫލް ބަދަލުކުރަނީ ކުލި ބޮޑުކަމުން ކަމަށް އޭއޭއޭ އިން މިއަދު ބުނި ފަހުން އޭއައިއޭ އިން ބުނީ ފްލައިން ސްކޫލުން އެކުންފުންޏަށް އަދި ސަރުކާރަށް ވެސް މާބޮޑު ފައިދާއެއް ނުލިބޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އޭއައިއޭގެ ޑިރެކްޓަރު އިބްރާހިމް ނޫރައްދީން ވިދާޅުވީ، ފްލައިން ސްކޫލް ހިންގަން ދީފައިވަނީ 2009 ވަނަ އަހަރު، 10 އަހަރު ދުވަހަށް ކަމަށެވެ. އަދި އެ މުއްދަތުގެ ކުރިން އެއްބަސްވުން ބާތިލްކުރަން ނޫޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްލައިން ސްކޫލުން ޕައިލެޓްކަން ކިޔަވާ ކޮންމެ ކުއްޖެއްގެ އަތުން 45،000 ޑޮލަރު ނަގަ އެވެ. އިބްރާހިމް ނޫރައްދީން ވިދާޅުވީ، މިދިޔަ އަހަރު އެކަނި ފުލްޓައިމް 150 ކުދިން އެ ސްކޫލުގައި އުޅުނު ކަމަށެވެ. މިހާތަނަށް 354 ކުދިން ކިޔަވައި ނިމުނު އިރު ކުދިންގެ ކިޔެވުމުގެ ފީން މިދިޔަ އަހަރު އެކަނި ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރު ފްލައިން ސްކޫލަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާ ހިސާބަށް ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު ލިބިއްޖެ. އައްޑޫ އެއާޕޯޓަށް 2012 އިން 2018 އަށް ލިބުނީ 38،000 ޑޮލަރު. ބައެއް ބިން ކުއްޔަށް ދީގެން 4 ލައްކަ ޑޮލަރު. އެހެންވީމަ ފްލައިން ސްކޫލުން އަތޮޅަށް ވަންނަ އެއްޗެއް ނުވަތަ ސަރުކާރަށް ވަންނަ އެއްޗެއް ވަރަށް ކުޑަ،" އޭނާ ވިދާޅުވި އެވެ.